އއ. މަތިވެރި ގެއަކުން 4 ދަރިންނާއެކު މަންމަ ނެރޭ މައްސަލައަކީ އާންމުކޮށް ހިނގާ ކަމެއް ކަމަށް އެ ރަށު ކައުސިލުން ބުނެފިއެވެ.
މަތިވެރީގައި އަންހެނަކާއި އޭނާގެ 4 ދަރިން އޭނާގެ މައިންބަފައިންގެ ގެއިން ނެރެލި މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ އެއީ ވަރަށް އާންމުކޮށް ހިނގާ ކަމެއް ކަމަށާއި، އެ އަންހެން މީހާ ދޭތެރެއަކުން ގެއިން ނެރެލާ ކަމަށެވެ. އޭނާ ގެއިން ނެރެނީ، މައިންބަފައިންގެ ބަސް ނާހާތީ ކަމަށް އިތުބާރު ހުރި މަސްދަރަކުން 'ދަޕްރެސް' އަށް ވަނީ އެނގިފައެވެ.
އާތިފް ވިދާޅުވީ، އެ އަންހެންމީހާ އުޅެނީ ވަރަށް ހާލުގައި ކަމަށާއި އެ އަންހެން މީހާ ދަރިންނާއެކު ގެއިން ނެރެލުމުން ކޮންމެ ފަހަރަކު ރަށު ކައުންސިލާއި ފުލުހުން ގުޅިގެން އާއިލާއާ ވާހަކަަ ދައްކައިގެން ވަގުތީ ހައްލެއް ހޯދައިދެވޭ ކަމަށެވެ. މީގެ އިތުރުން އާތިފް ވިދާޅުވީ، އެ ފަރާތަށް އެކަމަށް ދާއިމީ ހައްލެއް ހޯދާ ނުދެވޭ ކަމަށެވެ. މިކަން ހިނގާ ފަހަރު ތަކުގައި އެ އަންހެންމީހާގެ މައިންބަފައިންނާއި އޭނާގެ ދޮށީ ތިން ދަރިންގެ ބައްޕަގެ މައިންބަފައިން ގެނެސް ފުލުހުންނާއި ކައުންސިލާއި ޖެންޑާއާ ގުޅިގެން ވަރަށް ގިނަ ފަހަރު ވާހަކަ ދައްކާފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު އާތިފް ހުންނެވީ ބޭސްފަރުވާއެއްގައި އިންޑީއާގައި ނަމަވެސް ފޭސްބުކްގައި އެ ޕޯސްޓް ދައުރުވާތަން ފެނިވަޑައިގަތުމުން އެކަން އޭނާގެ ސަމާލުކަމަށް އައި ކަމަށާއި އެކަން ހިނގާ ދިޔަ ގޮތް އޭނާ ބައްލަވާފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި މި އަންހެން މީހާއަކީ އުމުރުން 31 އަހަރުގެ އަންހެނެކެވެ. އަދި 4 ދަރިން ގޮވައިގެން ވަަރަށް ހާލުގައި އުޅޭ އަންހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާ ގުޅިގެން ފުލުހުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ފުލުހުންނާއި، އއ. މަތިވެރި ކައުންސިލާއި، ޖެންޑާ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓާ (އެފްސީއެސްސީ) އިން ގުޅިގެން ރޭ 10:15 ހާއިރު އެ މައްސަލަ ހައްލުކޮށް ދިނުމަށްފަހު އަންހެން މީހާއާއި އޭނާގެ 4 ދަރިން ވަނީ އަނބުރާ ގެއަށް ވައްދާފައި ކަމަށެވެ. އަދި މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އިސާހިތަކު އެކަނިވެރި މައިންނަށް ދޭންނިންމި އެލަވަންސް ލިބެން ފެށުމުން ތިކަން ދާއިމީ ހައްލަކަށް އަންނާނެ.