ޓީ ޖެޓީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ސާޖަރީ ހަދަން އުޅޭ ކަމަށް އާއިލާއިން ބުނެފިއެވެ.

މި ދިޔަ މަހު 30 ވަނަ ދުވަހު ޓީ ޖެޓީ ގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތް މީހަކު ފިހިފައި ވާއިރު، އެންމެ ބޮޑަށް ފިހުނު އއ.އުކުޅަސް، އުނެއިޝް ވަނީ އިންޑިޔާގެ ކިމްސް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އާއިލާއިން ބުނެއެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުނެއިޝްގެ ހަށިގަނޑުގެ 50 އިންސައްތަ ފިހިފައި ވާކަމަށް އައިޖީއެމްއެޗުން ކުރިން ބުނެފައި ވެއެވެ.

އުނެއިޝްގެ އާއިލާއިން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ ހާލު މިހާރު ރަނގަޅު ނަމަވެސް އަދިވެސް ފަރުވާ ދެމުން ދަނީ އިންޑިޔާގެ ކިމްސް ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށާއި މާދަމާ އަތުގެ ސާޖަރީއެއް ކުރަންޖެހޭ ކަމަށެވެ. އަދި އެ ސާޖަރީ ކުރަން ހަމަޖެހިފައިވާ އިރު އޭނާއަށް އޯ ނެގެޓިވް ލޭ ބޭނުންވާ ކަމަށް އާއިލާއިން ބުނެއެވެ.

މީގެ އިތުރުން މި ހާދިސާގައި ފިހިފައިވާ، އއ. މަތިވެރި، އާދަމް އިނާޒް ވެސް އިންޑިޔާގެ ކިމްސް ހޮސްޕިޓަލުން ދަނީ ފަރުވާ ހޯދަމުންނެވެ. މަތިވެތި ކައުންސިލްގެ ރައީސް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދިޔަ އިނާޒް މިހާރު ވަނީ ކިމްސް ހޮސްޕިޓަލަށް ބަދަލު ކުރެވިފައި ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ޓީ ޖެޓީގައި ހިނގި އަލިފާނުގެ ހާދިސާގައި 4 ބައުޒަރާއި ލޯންޗެއް ވަނީ އަނދާ ހުލިވެފައެވެ. އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، އަޑިއަށް ގޮސްފައިވަނީ އއ. އުކުޅަސް ސްކޫލުގެ ޕްރިންސިޕަލްގެ "ނެވި 3" ނަމަކަށް ކިޔާ ސްޕީޑް ލޯންޗެއްގައެވެ.

މިހާދިސާގައި 9 މީހަކަށް އަނިޔާވެފައި ވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 2 ބިދޭސީންނެވެ.