އަނިޔާވެރި ގޮތަކަށް ވާޖަހައި އައްސާފައި އޮތް ވެލައެއް ފެނިއްޖެއެވެ.

ވެލާ އޮތީ ގަހަކާލައި އޭގެ ދެ ފިޔަފަތްގަނޑުގައި ވާޖަހައި އައްސާފައެވެ. އުއްޑުން ވެލައި ފުރޮޅާލައިފައި އޮތް އިރު ވާހަޖަހާ އައްސާފައި ހުރި ތަން އޭގެ ފިޔަފަތްގަނޑުގެ ބުޑުދަށުން ހުރީ ކަނޑާ ވަދެފައެވެ. ފެންނަ ފެނުމަށް ވެލާ އެގޮތަށް އޮންނަތާ ގިނަ އިރުތަކެއް ވަނީ ވެފައެވެ. އޭތި ވަރުބަލިވެގެން ކަރުވެސް އޮތީ އެލިފައެވެ. ފޮޓޯއިން މީހަކުވެސް ފެނެއެވެ. ވެލާ އައްސާފައި އޮތް އިރު ގަހާ ވީ ދިމާއިން މީހަކު ފެނެއެވެ.

އެންވާރުމެންޓް މިނިސްޓްރީ އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފަޅުރަށެއްގައި ވަރަށް އިހާނެތިކޮށް ބަނދެފައިވާ ވެލައެއް ސަލާމަތްކޮށް ދޫކޮށްލުމުގެ މަސައްކަތް އެ މިނިސްޓްރީ އާއި އީޕީއޭގެ ޓީމެއް ގުޅިގެން ކުރަމުން އެބަ ދާ ކަމަށެވެ.

އެ ވެލާ އޮތީ ކޮން ރަށެއްގައި ކަމެއް އަދި އެ ވެލައާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީއިން ހާމައެއް ނުކުރިއެވެ. މިނިސްޓްރީން ބުނީ މިއަދު 1 ޖަހާއިރު އެ މިނިސްޓްރީގައި މި މައްސަލަ އާ ބެހޭ ތަފްސީލް އާންމުކުރުމަށް ޕްރެސްކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

ރާއްޖޭގައި ވެލައަކީ ހިމާޔަތް ކޮށްފައިވާ އެއްޗެކެވެ. އަދި ވެލާ ހިފުމަކީ ރާއްޖޭގައި މަނާ ކަމެކެވެ. ވެލާ ހިފާ މީހުންނަށް ގާނޫނީ ބޮޑެތި އަދަބު ކަނޑައަޅާފައި ވީ ނަމަވެސް ފިޔަވަޅު އަޅާފައިވަނީ މަދު ފަހަރެއްގަ އެވެ.