މާލޭގައި ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ފަރީދީމަގުގައި ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓި އެމީހަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުން 9:52 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާ އިން ވެއްޓިގެން އަނިޔާ ލިބިފައިވަނީ ބިދޭސީ ފިރިހެނަކަށެވެ. އަދި އެ މީހާއަށް އައިގީއެމްއެޗް ގައި ފަރުވާދެމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހަދަމުންދާ އިމާރާތުން އެއްޗެހި ވެއްޓިގެން އެކި ކަހަލަ ގެއްލުންވާ މައްސަލަތައް އާންމުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިމަހުގެ 1 ވަނަ ދުވަހު ހުޅުލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެފައިވެއެވެ.އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ހިޔާ ޓަވަރެއްގެ 10 ވަނަ ފަންގިފިލާއިން ބިދޭސީއެއް ވެއްޓި ވަނީ މަރުވެފައެވެ.

މިއީ އިމާރާތުގެ މަސައްކަތް ކުރަމުންދަނިކޮށް، ބިދޭސީއެއް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކުރި ފަސްވަނަ ވަނަ ފަހަރެވެ. މީގެ ކުރިން ވެސް ހުޅުމާލޭގައި ހަދަމުންދާ އިމާރާތްތަކުން ބިދޭސީން ވެއްޓިގެން އަނިޔާލިބިފައިވާ އިރު، މިފަދަ ހާދިސާއެއްގައި ދެމީހަކު މަރުވެފައި ވެއެވެ.