އއ. މަތިވެރީގައި މައިންބަފައިންގެ ގެއިން އަންހެން ދަރިއާއި 4 މާމަ ދަރިން ނެރެލި މައްސަލައެއް ޖެންޑާގެ ސަމާލުކަމަށް އައިސްފިއެވެ.

ސޯޝަލް މީޑިއާގައި ރޭ ދައުރުވަމުންދިޔަ ޕޯސްޓަކާ ގުޅިގެން "ދަ ޕްރެސް" އިން ޖެންޑާ މިނިސްޓްރީއާ ސުވާލު ކުރުމުން އެ މިނިސްޓްރީން ބުނީ އެ ފަރާތުގެ ސަމާލުކަމަށް އެ މައްސަލަ އައިސްފައިވާ ކަމަށާއި ޖެންޑާ މިނިސްޓްރީން އެ މައްސަލަ ބަލަމުން ދާ ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި މި އަންހެން މީހާއަކީ އުމުރުން 31 އަހަރުގެ އަންހެނެކެވެ. އަދި 4 ދަރިން ގޮވައިގެން ވަަރަށް ހާލުގައި އުޅޭ އަންހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައި އާންމުންގެ މީހަކު ބުނެފައި ވަނީ، މަތިވެރީގެ އަންހެނަކު އޭނާގެ މައިންބަފައިން ގެއިން ނެރެލާފައިވާ ކަމަށެވެ. އެ އަންހެން މީހާއާ އެކު އޭނާގެ 4 ދަރިންވެސް ނެރެލާފައިވާ ކަމަށް އެމީހާ ބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ފުލުހުންނާއި، އއ. މަތިވެރި ކައުންސިލާއި، ޖެންޑާ މިނިނސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓާ (އެފްސީއެސްސީ) އިން ގުޅިގެން ރޭ 10:15 ހާއިރު އެ މައްސަލަ ހައްލުކޮށް ދިނުމަށްފަހު އަންހެން މީހާއާއި އޭނާގެ 4 ދަރިން ވަނީ އަނބުރާ ގެއަށް ވައްދާފައި ކަމަށެވެ. އަދި މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ އަންހެން މީހާގެ 3 ދަރިންގެ ބައްޕަ ހުރީ މިވަގުތު ޖަލު ބަންދުގައި ކަމަށާއި އެންމެ ތުއްތު ކުއްޖާގެ ބައްޕަ، ނިދަމުން އަންނަނީ މި ޕޯސްޓް ކުރި ފަރާތުގެ ގޭގެ ފެންޑާގައި ކަމަށް އޭނާ ބުނެއެވެ. އަދި އެމީހާ އެހެން ނިދާތާ 3 މަސް ވެފައިވާ ކަމަށާއި ގިނަ ފަހަރު އެމިހާއަށް ކާން ދެނީވެސް އެގޭ މީހުން ކަމަށާއި، އެ އަންހެންމީހާގެ ކުދިން އެންމެ ކުޑައިރުން ފެށިގެން ވެސް ކާން ދިނީ އޭނާގެ މަންމަ ކަމަށް ޕޯސްޓް ޝާއިއު ކުރި ފަރާތުން ބުނެއެވެ.

ދާދި ފަހުން މާލޭގެ ބާޒާރުމަތީ ސަރަހައްދުގައި މާބަނޑު އަންހެނަކު ހުންނަތަން ފެންނަ ފޮޓޯއަކާ އާންމުންގެ މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އެ އަންހެންމީހާއަށް ވެސް ޖެންޑާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ އަންހެންމީހާ ވަނީ ޖެންޑާއިން ދިން އެހީތެރިކަން ބަލަގަންނަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.