އެމްޑީޕީގެ ރައީސް އަދި ނައިބްރައީސް ކަމުގެ މަގާމު ހުސްވެފައި ވާތީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އިންތިހާބު އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ.

އެމްޑީޕީއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީގެ ރައީސް އަދި ނައިބް ރައީސް ކަމަށް ވާދަކުރަން ބޭނުންވާ އެޕާޓީގެ މެންބަރުން ޕާޓީގެ އިންތިހާބުތަކުގައި ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އީމެއިލް އަށް ނުވަތަ ޕާޓީގެ މައި އޮފީހަށް ހުށަހެޅުމަށެވެ.

އަދި މިގޮތުން ހުށަހަޅާ ފޯމް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ 12:00 އެވެ.

މި އިންތިހާބަށް ކުރިމަތިލުމަށް އެދޭފޯމް އެމްޑީޕީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ޕާޓީއިން ބުނެއެވެ. އަދި މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ މެމްބާޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ޕާޓީއިން ބުނެއެވެ.

އެމްޑީޕީގެ ރައީސަކަށް އެންމެ ފަހުން އިންތިހާބުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ނައިބު ރައީސަކަށް އިންތިހާބު ކޮށްފައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ.