ކިންގް ސަލްމާން މިސްކިތް ނުހުޅުވާ ލަސްވާތީ، އެކަމުގެ ޖަވާބަކީވެސް ކުރީގެ ސަރުކާރުތޯ އައްސަވާ ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ ނޮވެމްބަރު މަހުގެ 17 އާ ހަމައަށް އައި އިރު ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އެންމެ ލަސްވެގެން މިއަހަރު ޖުލައި މަހަށް ނިންމައި، އެ މިސްކިތް ހުޅުވޭނެ ވަރަށް އެ މަޝްރޫއުގެ ހުރިހާ ކަމެއް ނިންމޭނެ ގޮތަށް އޮތް ކަމަށެވެ. އޮކްޓޯބަރު މަހާ ހަމައަށް އައި އިރުވެސް އެ މިސްކިތް ނުނިމޭތީ އެ ކަމުގެ ޖަވާބަކީ ކުރީގެ ސަރުކާރުތޯ މުއިއްޒު އައްސަވާ ސުވާލުއުފެއްދެވިއެވެ.

22 މިލިއަން ޑޮލަރު ހޭދަވާ ކިންގް ސަލްމާނު މިސްކިތުގެ މަޝްރޫއަށް ސައުދީން އިން ދީފައިވަނީ އޭގެ ތިންބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ އަދަދެއް ކަމަށާއި ސައުދީ ސަރުކާރުން މި ޕްރޮޖެކްޓަށް ދީފައި ވަނީ 8 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

މި މިސްކިތަ ހަދަން ފެށިއިރު ހުރި ޑިޒައިނާ މިހާރު ހަދަމުން ދާ ޑިޒައިން ތަފާތުވެ ގިނަ ބަޔަކު ވަނީ މިކަމާމެދުވެސް ސުވާލު އުފައްދާފައެވެ.

ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރާ މިސްކިތެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައި ވީ ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވަނީ 10000 މީހުންގެ ޖާގަ އޮންނާނެ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތަކީ ޖުމްލަ 4 ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.