ނިއުޕޯޓް ހުސްނުކޮށްގެން ތަންފީޒުކުރުމުގެ އަމުރަކަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާއިން އެދެފިއެވެ.

މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ނިއުޕޯޓް ހިންގަމުންދާ ބިން ހުސްކުރުމުގެ މައްސަލައިގައި އެތަން ހުސްކުރުމަަށް ސިވިލް ކޯޓުން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގައި ކަނޑައެޅި ހުކުމާއި އެއްގޮތައް އެތަން ހިންގަމުންދާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އަމަލުކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ނިއުޕޯޓު ހުސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައި އަންގަވާފައިވާ ގޮތައް ތަންފީޒުކުރުމަށް ދައުލަތުން ކޯޓުގައި މިހާރުވަނީ އެދިފައި ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ކޯޓުން ހުކުމްކުރި ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ނިއުޕޯޓް ހުރި ބިން ދައުލަތަށް ހަވާލުކުރުމަށާއި، މި މައްސަލައިގައި ސާބިތުވެފައިވާ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، ބިން ހަވާލުކުރާ ދުވަހާ ހަމައަށް މިޘްލީ ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދިނުމަށް މީރާއަށް އެ ފައިސާ ދެއްކުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އަންގާ ހުުކުމް ކުރާ ކަމަށެވެ.

މި ދައުވާގެ ހުލާސާގައި ބުނެފައިވަނީ ބްރިޖް ވިއުއިން ޕުލެޓްފޯމަކާއި އައުޓްލެޓެއް ތަރައްގީކޮށް ހިންގުމަށް މަސައްކަތް ހަވާލުކުރުމަށް ޑިސެމްބަރު 22، 2016 ގައި ވެފައިވާ ބްރިޖް ވިއުއިން ޕްލެޓްފޯމްގެ އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ އިން ކުއްޔާ ޖޫރިމަނާ ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް، ބިން ހުސްކޮށް އެއްމަސް ދުވަހުގެ ތެރޭގައި ދައުލަތާ ހަވާލުކުރުމަށް އަންގާފައިވާ އެންގުން މިދިޔަ މާޗްމަހުގެ ހަތް ވަނަ ދުވަހު ހަމަވެފައިވާތީ، އޭގެ ފަހުން ސްޓްރާޑާއިން އެތަން ބޭނުންކުރަމުން ދަނީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ. އަދި ވަގުތުން އެ ބިން ދައުލަތާ ހަވާލުކުރުމަށް ސްޓްރާޑާގެ މައްޗަށް އަންގާ އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް އަރާފައިވާ ކުއްޔާ ޖޫރިމަނާ އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް ދައުލަތަށް ދެއްކުމަށް އަމުރުކޮށްދިނުމަށް އެދި ސްޓްރާޑާ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ މައްސަލައެއްކަމަށް ބުނެފައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ ދައުލަތުން ސްޓްރާޑާއެކު ވެފައިވާ އެއްބަސްވުން ބާތިލް ކޮށްފައިވަނީ، އެ އެއްބަސްވުމާ ހިލާފުވެފައިވާތީ ކަމަށާއި، ކުއްޔަށް ދޫކުރާ ފަރާތުގެ ހައިސިއްޔަތުން އެ އިހްތިޔާރު ޕްލޭނިންގް މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ. ނިއުޕޯޓު ހުރި ބިން ހުސްކުރުމަށް ޕްލޭނިން މިނިސްޓްރީ އިން ސްޓްރާޑާ އަށް ނޯޓިސް ދިނީ މިއަހަރުގެ މާޗް މަހުގައެވެ. ނިއުޕޯޓު ވިއު ނުހުޅުވައި ބަންދުކޮށްފައި ހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ނިއުޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް އެ ސަރަހައްދު ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަަމަވެސް ވެރިކަން ބަދުލުވުމާއި ޒާހިދު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.