ދެކުނު އޭޝިއާގެ އެންމެ ބޮޑަށް އިގްތިސާދު ދަށަށް ދިޔަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
ވޯލްޑް ބޭންކުން ކަނޑައެޅި ލިސްޓުގައި ދެކުނު އޭޝިއާގެ އެންމެ ބޮޑަށް އިގްތިސާދު ދަށްވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނެނީ ދެވަނައިގަ އެވެ. ވޯލްޑް ބޭންކުން ސައުތު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދާ ގުޅޭ ގޮތުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން މި އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 6.8 ޕަސެންޓަށް ކުރިއަރާފައި ވުމާއެކު، މިއީ 1.6 ޕަސެންޓުގެ ދަށްވުމެކެވެ. އޭރު އިގްތިސާދު ކުރިއެރީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އާއި އިމާރާތް ކުރުމުގެ އިންޑަސްޓްރީ ވަރުގަދަ ވުމުންނެވެ. އެ އިންޑަސްޓްރީތައް ވަރުގަދަވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ހިންގި މަޝްރޫއު އާއި ބްރިޖް އެޅުމާއި އާ ރިސޯޓްތައް ހަދަން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް ވޯލްޑް ބޭންކްގެ ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވްގައި 726 މިލިއަން ޑޮލަރު ހުރި ނަމަވެސް މި އަހަރު ހުރީ 677 މިލިއަން ޑޮލަރެވެ. ރާއްޖޭގެ އިގްތިސާދު މި އަހަރު އެހާ ބޮޑަށް ދަށްވެފައި ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އަވަހަށް ނިމި އެފަދަ ބޮޑު މަޝްރޫއެއް އަލުން ނުފެށުމުގެ ސަބަބުންނެވެ. ވޯލްޑް ބޭންކުން ލަފާ ކުރަނީ ކުރިއަށް އޮތް ދެ އަހަރު ވެސް ރާއްޖޭގެ އިގްތިސާދު ކުރިއަށް ދާނީ މަޑު ދުވެއްޔެއް ގައި ކަމަށެވެ. ވޯލްޑް ބޭންކުން ބުނީ ރާޢްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ އަންނަ އަހަރު އިތުރަށް ރަނގަޅުވެ ސަރުކާރުން ބޮޑެތި މަޝްރޫއުތައް ފަށައިފިނަމަ މިހާރު ލަފާކުރެވޭ ވަރަށް ވުރެން ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދު ރަނގަޅުކުރުމަށް ރިކަރެންޓް ހަރަދު ކުޑަކުރަން ޖެހޭ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން ހާއްސަކޮށް ސިއްހީ ދާއިރާއިން ދޭ ސަބްސިޑީތަކާއި ސިއްހީ ދާއިރާ އަށް ކުރާ ހޭދަ ދަށްކުރަން ޖެހޭކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ރާއްޖޭގައި ފަގީރުންގެ ނިސްބަތް ބައިނަލްއަގުވާމީ މިންގަނޑުން ބަލާ ނަމަ ހުރީ 8.2 ޕަސެންޓުގައި ކަމަށް ރިޕޯޓުން ބުނެއެވެ. އެގޮތުން ރާއްޖޭގެ ފަގީރުންގެ 90 ޕަސެންޓް ދިރިއުޅެނީ އަތޮޅުތަކުގައި ކަަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ. އިގުތިސާދީ ގޮތުން ރާއްޖެ އަށް ހުރި ރިސްކްތަކުގެ ތެރޭގައި ޗައިނާގެ އިގްތިސާދާއި، ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގުތިސާދު ދަށަށް ދާނެ ކަމަށް ބެލެވޭތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އޭގެ އަސަރުކުރުން ހިމެނެ އެވެ. އަދި ރާއްޖެ އަކީ ޑީސަލަށް ބަރޯސާވާ ގައުމަށް ވާއިރު ތެެލުގެ އަގު އުފުުލިދާނެ ކަމަށް ބެލެވުމަކީ ވެސް އޮތް ރިސްކެކެވެ.