ބްރެޒިލްއިން ރާއްޖެއައި އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން 16 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސުން ބުނީ، މި މަހުގެ ފުރަތަމަ ދުވަހު ރާއްޖެ އައި އެ މީހާއާމެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނީ އޭނާގެ ލަގެޖުގެ ތެރެއިން ކަމަށެވެ. އުމުރުން 66 އަހަރުގެ މި މީހާގެ އަތުން އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި 4.67 ކިލޯ ހުރި އިރު، ފުރަތަމަ މަރުހަލާގައި އެތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނެފައި ވަނީ، މި މައްސަލައިގައި ހިމެނޭ ފަތުރުވެރިޔާއާއި އަތުލައިގެން މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.

އަދި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައި ކަމަށާއި ޖުމްލަ 33.16 ކިލޯގެ މަސްތުވާތަކެތި މިއަހަރު އަތުލައިގަނެފައިވާނެ ކަމަށެވެ.