ޖިންސީ ގޯނާ ލިބިފައިވާ ފަރަތާކަށް 9 އަހަރު ފަހުންވެސް އިންސާފު ނުލިބުނު މައްސަލަ ބަލާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ބ. ގޮއިދޫ ގުރުއާން މުދައްރިސެއްގެ ފަރާތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަައިގެ ޝަރީއަތް ނިންމާފައި ވަނީ 9 އަހަރު ފަހުންނެވެ. މި މަހުގެ 1 ވަނަ ދުވަހު ޝަރީއަތް ނިންމާލި އިރު ހުކުމް އިއްވީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ފަރާތަށް އިންސާފު ނުލިބިއެވެ.
ޖެންޑާ މިނިސްޓްރީން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން އެ މައްސަލަ ބަލާނެ ކަމަށާއި އަދި މިނިސްޓްރީގެ ކަންބޮޑުވުން ހިއްސާކުރާނެ ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މި މައްސަލައިގެ ޝިކާރައަކަށް ވީ، މިހާރު އުމުރުން 26 އަހަރުގެ އަންހެން މީހާ ބުނީ، މި މައްސަލަ ހުށަހެޅީ 2007 ވަނަ އަހަރު ތެރޭގައި ކަމަށެވެ. އޭރު އޭނާއަށް ވާނީ 14 އަހަރު ކަމަށެވެ. ކޯޓުގައި އެ މައްސަލަ ބަލަން ފަށާފައި ވަނީ 2010 ވަނަ އަހަރުތެރޭގައި ކަމަށާއި މައްސަލަ ނިންމާ ހުކުމް އިއްވާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ، މި ހުރިހާ ދުވަސްވީ އިރު ބަހެއް ނުބުނެ މަޑުން ހުރީ ނަފްސާނީ ގޮތުން އޭނާ ބަލިކަށިވީމައި ކަމަށެވެ. އެ ވާހަކަތައް މިހާ ޕަބްލިކްކޮށް ނުދައްކާ ކަމަށްވެސް އޭނާ ބުނެއެވެ. އަދި މީގެ އިތުރުން އޭނާ ބުނީ، ބޮޑުބޭބެގެ ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ އޭނާ އެކަނި ނޫން ކަމަށެވެ. އެހެން ކުދިންވެސް އެބަ ތިބި ކަމަށާއި އެންމެންވެސް ހަނު ހުރީ ކަމަށެވެ.
އަދި "ޕްރޫފް" ނެތުމަކީ ބޮޑުބޭބެ އެކަން ނުކުރާކަމަށް ގަބޫލު ކުރެވޭނެ އުޒުރެއް ނޫން ކަމަށާއި ކޯޓުން ކޮންމެ ގޮތަކަށް ހުކުމް އިއްވި ކަމުގައި ވިއަސް ހަގީގަތަކީ ކޮބައިކަން މާތްﷲ ދެނެވޮޑިގެންވާނެ ކަމަށެވެ.