ފޯއް ކޮށައި ބަންދުކޮށް ހަދާތަނެއް ގެއެއްގެ ކުޑަ ވައިގޮޅިއެއްގެ ތެރެއިން ފެނިއްޖެއެެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުންގެ މީހަކު ލާފައިވާ ވިޑިއޯއެއް ވަނީ ވައިރަލް ވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އެ ވައިގޮޅިއަށް ވަދެވެން ހުންނަ ތަން ބަންދު ކުރުމަށް ދަގަނޑާއި ފިލައިން ހަދާފައިވާ ދޮރެއްގެ ނިވަލުގައި ބިދޭސީއެއް ފޯއް ކޮށާ މެޝިނެއް ކައިރީ މަސައްކަތްކުރަން އިށީނދެގެން އިންނަ މަންޒަރެވެ. އޭނާގެ ކައިރީގައި ފޯއް ކޮށާފައި އަޅާފައި ހުރި ތަށްޓަކާއި ނުކޮށާ ހުރި ފޯއްތައް އަޅާފައި ހުރި ތަށްޓެއް ފެންނަން ހުރެއެވެ. އަރިމަތީ ފާރުގައި ދައުރުވާ ކުޑަ ފަންކާއެއް ހަރުކޮށްފައި ހުރި އިރު ބަލާބެލުމަށް އެއީ 3 ފޫޓު 7 ފޫޓުގެ ކުޑަ ގޮޅިއެއް ވަރުގެ ތަނެކެވެ. އެތަނުގެ ސާފުތާހިރުކަން ކުޑަކަން އެ ވީޑިއޯ އިން ފެނެއެވެ.

"ފޯއް ކޮށާ އަޑު ނުކެނޑޭ، އެމީހާ މިތާ އެތެރޭން އިންނަ ތަނެއްގައި ނިދާވެސް ހަދާ، މީދާ އެހާ ވަަރަށް ދުވޭ މިތާތެރޭ"

މި ވީޑިއޯ އާންމު ކުރި ފަތާރުން ބުނެފައިވަނީ، ކަރަންކާމަގުގައި ހުންނަ ގެއެއް ކަމަށްވާ ހ. ސްނޯ ޑްރޮޕްގެ ވައިގޮޅީގައި ފޯއްކޮށާ އަޑު މެދުނުކެނޑި އިވެމުންދާ ކަމަށެވެ. އެތަނަށް ގޮސް ބެލި އިރު އެއީ، އެތަނުގެ އެތެރެއިން ހުންނަ ތަނެއްގައި އެ ބިދޭސީ މީހާ ނިދާ ކަމަށާއި އެތަނުގައި ވަަރަށް މީދާ އުޅޭ ކަމަށް ވެސް އޭނާ ބުނެއެވެ.

މީގެ އިތުރުން އެނާ ބުނެފައިވަނީ މީ ތަންތަނުގައި ވިއްކަން ފޯއް ޕެކެޓާއި ދުފަން ލިބޭ ދުފުންކޮޅު ހަދާ ތަނެއް ކަމަށެވެ.

މި ސަރަހައްދަކީ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދެވެ. ކަރަންކާ މަގުގައި ހުރި ބައެއް ގެތަކަށްވެސް ވަނީ އަލިފާނުގެ ސަބަބުން ގެއްލުން ލިބިފައެވެ.

މި ވީޑިއޯ އާންމުވުމާ ގުޅިގެން އެތަން ބަލާ ފާސްކުރުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. އާންމު ރައްޔިތުން ދުފުމަށް ބޭނުންކުރާ ފޯއް، ކޮށައި ޕެކެޓްކުރުމުގެ މަސައްކަތް އެހާ މުޑުދާރު ތަނެއްގައި ކުރަމުން ދާތީ ގިނަ ބަޔަކު ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ރާއްޖޭގެ މި ކުޑަ އާބާދީއަށް ނުކަތާ ވަރަށް ބިދޭސީން ރާއްޖޭގައި އުޅުމަކީ، ފާއިތުވެ ދިޔަ ހުރިހާ ސަރުކާރެއްގެ ގުޅުންހުރި މުއައްސަސާތަކުން އިހުމާލުވެފައި ވާ ކަމުގެ ފުރިހަމަ ހެތްކެކެވެ. އަދުގެ ސަރުކާރުން ބިދޭސީންގެ ކަންކަން ހައްލު ކުރުމަށް 'ފޫ ގަޅައިގެން' ނުކުންނެވި ކަން އިއުލާނު ކުރައްވައި، އެ މެންޑޭޓު އޮތް ވަޒީރު، އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނީ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު އާންމު ފާހާނާ ބަރިއެއްގެ އެތެރޭގައި ބިދޭސީން ބޯކޮށާތަނެއް ހިނގަނިކޮށް ވެސް ފެނިފައެވެ.

ޒަމާނުއްސުރެ ދިވެހިންނަކީ ދުފުމަށް ފޯރި ހުންނަ ބައެކެވެ. ކެއުމަށް ފަހު އަޑަފިގަނޑު ހިފައިގެން ގަދައަށް ދުފާ އަނގަ ރަތްކޮށްލައިގެން މެނުވީ ހިތްހަމައެއް ނުޖެހެއެވެ. މިއީ އަދިވެސް ގިނަ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ބައެއްމީހުން އިހު ޒަމާނުގައި ދުފާގޮތަށް ދުފާ އިރު އަނެއްބަޔަކު ބޭނުންކުރަނީ މޮޅު ބިލަތްގަނޑެކެވެ. އަނގަ މީރު ކޮށްލަން ސުޕާރީ، ކިއްލި، ޖަބްލާނީ ނުވަތަ ޓަޓަސް ބޭނުން ކުރާ ދިވެހިންވެސް މަދެއް ނޫނެވެ. އެގޮތުން ހަނާކުރި ފޯއް، އާދައިގެ ފޯއް، މީރުކުރި ފޯއް ޕެކެޓްތައްވެސް ބޭނުންކުރުން ވަނީ އާންމުވެފައެވެ.