އަނިޔާކޮށް އިހާނެތި ގޮތަކަށް މަރާލާފައިވާ ވ. ވައިކަރަދޫ، މުހައްމަދު އިބްތިހާލުގެ މަންމަ އަފިޔާ މުހައްމަދު މަނިކު ގާނޫނީ ވަކީލަކާއި ނުލައި ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވާކަމަށް އަނެއްކާވެސް ބުނެފިއެވެ.
ތިން އަހަރުގެ އިބްތިހާލުގެ މަރުގެ މައްސަލަ ބަލަމުން ދިޔަ އިރު އާފިޔާ ވަނީ ވަކީލަކު ބޭނުން ނުވާކަމަށް ބުނެފައެވެ. ނަމަވެސް ދަރިފުޅު މަރާލިކަމަށް ވެފައިވާ އިއުތިރާފް އަނބުރާ ގެންގޮސް ފަހުން އޭނާ ވަނީ ވަކީލަކު ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް މިއަދު އޭނާ ވަނީ ވާކިލަކު ބޭނުންވާ ކަމަށް ބުނި ބަސް އަނބުރާ ގެންގޮސް ވަކީލަކު ބޭނުން ނުވާ ކަމަށް ބުނެފައެވެ.
މިއަދުގެ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ކުރިއަސް ގެންގޮސްފައި ވަނީ އާފިޔާގެ މައްޗަށްކުރާ އަމުރަށް ނުކިމަންތެރިވުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުން ނިންމާލައި މިއަދު ވަނީ އެ މައްސަލައިގެ ޝަރީއަތް ފަށަން ނިންމާފައެވެ.
އާފިޔާ މިހާރު އަންނަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރު ކުރަމުންނެވެ. އެހެންކަމުން ދައުލަތުން ވަނީ އާފިޔާއާ ދެކޮޅަށް ހެކި ހުށަހަޅަން ނިންމާފައެވެ.
އިބްތިހާލް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އިބްތިހާލްގެ ހަށިގަނޑު ބެލި ޑޮކްޓަރު ދެއްވި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނޭވާހާސްކުރުމުގެ ގޮތުން ކަރުގައި ހިފާފައިހުރިކަމަށް ބެލެވޭ ނިޝާންތަކެއް އެކުއްޖާގެ ކަރުން ފެންނަން ހުރި ކަމަށާއި އެކުއްޖާގެ ކަނާތްފަރާތު ނިތްކުރިއާ ދިމާލުން ބައެއް ދުޅަވެފައި ހުރި ކަމަށް ވެއެވެ. އަދި އިބްތިހާލްގެ މޫނުމަތީގައި އެކިވަރުގެ ކުދި ޒަހަމްހުރި ކަމަށާއި ކަނާތު ކަންފަތުގައި ފާރުގަނޑެއް ހުރުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެކިފަހަރުމަތިން ލިބިފައިވާ އަނިޔާގެ ލަކުނުތައް ފެންނަން ހުރި ކަމާއި މޭކަށިތަކުން ބައެއް ކަށިތައް ބިންދައިގެން ގޮސްފައިހުރިކަން ފާހަގަ ކޮށްފައިވެއެވެ.
އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އިބްތިހާލު މަރުވީ އަނިޔާ ކުރުމުން ކަމަށް އާފިޔާ ވަނީ ކުރިން ޝަރީއަތުގެ މަޖިލީހުގެ އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ދެކޮޅު ހަދާފައެވެ. އެގޮތުން އިބްތިހާލަށް އެއްވެސް ގޮތަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި މީގެ ކުރީގެ އަޑުއެހުންތަކުގައި އަނިޔާކުރާކަމަށް ބުނެފައި ވަނީ ޖަލު އޮފިސަރުން މަރުގެ އިންޒާރުދިނުމުން ކަމަށް އާފިޔާ ބުނެފައި ވެއެވެ.
އިބްތިހާލް މަރާލި ކަމަށް އާފިޔާ ދެކޮޅު ހެދުމުން، ދައުލަތުގެ ވަކީލުން ވަނީ ކުރިން ހުށަނާޅަން ނިންމި 19 ހެކީންގެ ހެކިބަސް ނަގައި ދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފައެވެ.