މިއަދު ހެނދުނު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގައިފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރުކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ހުވަނދުމާ ހިނގުމުން ހުޅަނގަށް ދުއްވާފައި ދިޔަ ކާރަކާއި ފިލިގަސްމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާ ޖެހި ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ ސައިކަލު ދުއްވަން އިން 48 އަހަރުގެ ފިރެހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 41 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ދެމީހުންކުރެ އެކަކަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށާއި މިހާރު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާގައި ކާރު ދުއްވަން އިނީ 27 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވީ ނަމަވެސް ކާރަށް އެކިވަރުގެ ގެއްލުން ލިބިފައި ވާކަމަށް ވެސް މައުލޫމާތުދެއެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއާއި ކާރު ދުއްވަން އިން މީހާ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

ހުޅުމަލޭގައި ހިނގަމުންދާ މިފަދަ އެކްސިޑެންޓްތައް ގިނަވަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. މިފަދަ ހާދިސާތައް މަދުކޮށް މަގުތައް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.