ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ހއ. އަތޮޅުން ބ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައި ވާކަމަށެވެ. އެ ސަރަހައްދަށް ހެނދުނު 6:00 އިން ފެށިގެން 10:00 އާ ދެމެދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ އިދާރައިން ބުނެއެވެ.
ރޭ ދަންވަރު 1:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް މެދުރާއްޖެތޭރޭގެ ރަށްތަަކަށް ވަނީ ޔެލޯ އެލާޓެއް އެ އިދާރާއިން ނެރެފައެވެ. މެޓް އޮފީހުން ބުނެފައިވަނީ، ބ. އަތޮޅުން ދ އަތޮޅާ ދެމެދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
ރޭ 8:00 އިން ފެށިގެން މިރޭގެ 8:00އާ ހަމައަށް 24 ގަޑިއިރުގެ މޫސުން ލަފާ ކުރާގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މެތް އޮފީހުން ބުނެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ލާފާ ކޮށްފައި ވެއެވެ. މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ އިރާއި އިރުދެކުނުން ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފެންބޮޑުވެ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެންވަދެފައިވާއިރު ސިފައިންނާއި ފުލުހުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްުން އަދި އެހެނިހެން ފަރަތްތަކުންވެސް ދަނީ ފެން ހިނދުމުގެ މަސައްކަތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.