ރާއްޖޭގެ ހުރިހާ ރަށަކަަށް އެމްބިއުލާންސް ހަމަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް 21 އެމްބިއުލާންސް ހަދިޔާ ކޮށްފިއެވެ.

މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން އެމްބިއުލާންސް ހަވާލުކޮށްދެއްވީ ޖަޕާނުގެ ސަފީރު ހާ އެކްސެލެންސީ މިސް ކެއިކޯޔަނާއިއެެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލަންސްތަކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އަބްދުﷲ އަމީނެވެ.

މިއީ ސަރުކާރުގެ ސިއްހީ ވައުދުގެ ތެރޭގައި ހިމެނޭ ނެޝަނަލް އެމްބިއުލާންސް ސާވިސް ތައާރަފް ކުރުމަށް މިއަދު ހަވީރު ބޭއްވި ހަފްލާއެކެވެ.

ޖަޕާނު ސަރުކާރުން އެހީގެ ގޮތުގައި އެމްބިއުލަންސް ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު

މި ރަސްމިއްޔާތުގައި ރާއްޖޭގެ 25 ރަށަކަށް އެމްބިއުލާންސް ހަވާލުކުރިއެވެ. އޭގެތެރެއިން އެއްވެސް ގޮތަކަށް އެމްބިއުލާންސްގެ ހިދުމަތް ލިބިފައިނުވާ ހަތަރު ރަށަކަށް ވަނީ އެމްބިއުލާންސް ހަވާލުކޮށްފައެވެ. އަދި މީގެ އިތުރުން ވަަރަށް ކައިރި މުސްތަގުބަލެއްގައި އެމްބިއުލާންސް ހަވާލުކުރުމަށް ހަމަޖެހިފައިވާ 26 ރަށެއް އެ ރަސްމިއްޔަތުގައި ވަނީ އިއުލާންކޮށްފައެވެ.

މިއަދު ހަވާލުކުރެވުނު އެމްބިއުލާންސް ތަކާއެކު ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުނަށް ފޯރުކޮށްދޭން ޖެހޭ ސިއްހީ ކުއްލި ފަރުވާ ރަށްރަށުގައި ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.