ނިއުޒީލެންޑްގެ ލޯކަލް އިންތިހާބުގައި ދިވެއްސަކު ވާދަކޮށް އެ އިންތިހާބު ކާމިޔާބުކޮށްފި އެވެ.

އެ އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ ޝާޒްލީ ރަޝީދެވެ. އެ އިންތިހާބު ކާމިޔާބު ކުރުމާއެކު ޝާޒްލީ ވަނީ އޭނާ ވާދަކޮށްފައިވާ ނިއުޒީލެންޑުގެ ސިޓީއެއް ކަމަށްވާ ހަޓް ސިޓީގެ ކައުންސިލަރެއްގެ މަގާމަށް އިންތިހާބުވެފަ އެވެ. ޝާޒްލީ ވާދަކުރި ހަޓް ސިޓީގެ ޖުމްލަ އާބާދީއަކީ 105,000 އެވެ. މި އިންތިހާބު ޝާޒްލީ ކާމިޔާބު ކޮށްފައި ވަނީ ޖުމްލަ 8،922 ވޯޓާ އެކުއެވެ. ހަޓް ސިޓީއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ޝާޒްލީ އަށެވެ.

ނިއުޒީލަންޑުގައި ދިރިއުޅޭ ޝާޒްލީ ބުނެފައިވަނީ އާއިލާއާއިއެކު ދިރިއުޅެ އާއިލާއެއް ބިނާކުރުމަށް އެސިޓީއަކީ އެންމެ ރަނގަޅު ސިޓީ ކަމުގައެވެ. އަދި ވިޔަފާރިއާއި އެހެނިހެން ފުރުސަތުތަކަށްވެސް ހަޓްސިޓީއަކީ ރަނގަޅު ސިޓީއެއްކަމަށް ޝާޒްލީ ބުނެފައި ވެއެވެ. މިނިވަން މެންބަރެއްގެ ގޮތުގައި އެ އިންތިހާބުގައި ވާދަކޮށްފައިވާ ޝާޒްލީ ބުނީ ހަޓް ސިޓީއަކީ އިތުރު ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ އިތުރު އިންވެސްޓްމަންޓްތަށް ކުރެވޭ ސިޓީއަކަށް ހަދަން އޭނާ ބޭނުންވާ ކަމަށެވެ. އަދި ހަޓް ސިޓީއަކީ ރައްކާތެރި ތަނަކަށް ހެދުމާއި އިތުރު ވަޒީފާތައް އެސިޓީގައި އުފެއްދުމަކީވެސް އޭނާ އެ ސިޓީއަށް ކުރަމުން އަންނަ ތަސައްވަރެއްގެ ގޮތުގައި ޝާޒްލީ ވަނީ ސިފަކޮށްފައެވެ.

ނިއުޒީލަންޑްގައި ޝާޒްލީ ދިރިއުޅެމުން އަންނައިރު އޭނާ އަންނަނީ ހަޓްސިޓީގައި އަމިއްލަ ވިޔަފާރި އެއް ވެސް ހިންގަމުންނެވެ. އެގޮތުން އޭނާގެ އަމިއްލަ ސެލޫން އެއްވެސް އެ ސިޓީގައި ހިންގަވަ އެވެ. ނިއުޒީލަންޑްގެ ލޯކަލް އިންތިހާބު އޮންނަނީ ކޮންމެ ތިން އަހަރަކު އެއް އަހަރުއެވެ.