ކޮންމެ ދުވަހަކީވެސް އެތައް ބަޔަކަށް ކުރެވެމުންދިޔަ ހީތަކަކީ އަދި މުޅިން ރަނގަޅު ހީއެއް ނޫންކަން ނީޝަން ސާބިތުކޮށްދެމުންދާ ދުވަހެކެވެ. އުމުރުން އެންމެ 17 އަހަރުގެ ނީޝަންއަކީ ކޮންސްޓްރަކްޝަން ސައިޓްގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. ނަމަވެސް ފާއިތުވީ 2 އަހަރެއްހާ ދުވަހު މިމަސައްކަތުން އޭނާ ފަހަތަށް ޖެހުނު އެންމެ ދުވަހެއްވެސް އަދި ނާދެއެވެ.

"އަހަރެން ފުރަތަމަ އެޕްރެންޓައިސްޝީޕް ފެށިއިރު ފިރިހެން ކުދިން ބުނާނެ ކަމެއް ނުވެގެން އުޅެންޏާ އެކުދިންނަށް ގޮވާލާށޭ. އެކަމަކު އެޕްރެންޓައިޝިޕް ޕްރޮގްރާމް ނިންމާލިއިރު، އެމީހުން އަހާނެ ނީޝަން ކުރެން މިކަން ކޮށްދެވިދާނެހޭ"، ސިވިލް އިންޖިނިއަރަކަށްވުމުގެ ވަރުގަދަ އަޒުމުގައި ހުރި ނީޝަން ކިޔައިދިނެވެ.

އުމުރުން އެންމެ އަހަރުގައި އެޕްރެންޓައިސްޝިޕާ ގުޅުނު ނީޝަންއާއިއެކު އެ ޕްރޮގްރާމްގައި ބައިވެރިވި ކުދިންނަށް އޭނާ ވީ ހައިރާން ކުރުވަނިވި ބައިވެރިއަކަށެވެ. ނަމަވެސް ނީޝަންގެ އާއިލާއަށް އެއީ އާދަޔާ ހިލާފު ކަމަކަށް ނުވެއެވެ. ބޮޑުވަމުން އައިރުވެސް ނީޝަންގެ ކިބައިން ފެންނަމުންދިޔައީ އެ އުމުރުގެ އެހެން ކުދިންނާ، ވަކިން ހާއްސަކޮށް އަންހެން ކުދިންނާ ތަފާތު ހުނަރެކެވެ. އަތުޖެހެން ހުރި އެކި ކަހަލަ ސާމާނު އެއްކޮށްގެން އެކި ކަހަލަ ކުދިކުދި ބިނާތައް އެޅުމަކީ ނީޝަންއަށް އާންމު ކަމެކެވެ. ތައުލީމީ ހަޔާތުގެ މަތީ ގުރޭޑުތަކާ ހަމައަށް ދެވުނުއިރު ހިސާބާ ފިޒިކްސް އަށް ހާއްސަ ލޯތްބެއް ޖެހުނެވެ. މި ހުރިހާ ދުވަހަކު ނީޝަން ހުރީ އޭނާގެ ބައްޕަގެ މަސައްކަތާވެސް އިންތިހާ ގާތުގައެވެ. ނީޝަންގެ ބައްޕައަކީ ކަރަންޓް މަސައްކަތުގެ ތަޖުރިބާކާރެކެވެ.

ނީޝަން އޭނާގެ ކޮންސްޓްރަކްޝަން ސައިޓްގައި/ފޮޓޯ: ޔުނިސެފް

ކުޑައިރު ގިނަ ކުދިން ގަޔާވަނީ ކާޓޫނާ ކަމުގައި ވީ ނަމަވެސް، ނީޝަންގެ ޝައުގުވެރިކަން ހުރީ އޭނާގެ ބައްޕައާއިއެކު ތަންތަނަށް ގޮސް، ބައްޕައައި އެކުގައި އުޅުނު މީހުންގެ މަސައްކަތްތައް ހުރި ގޮތް ބެލުމަށެވެ. ނީޝަންގެ އުއްމީދާ އަޒުމުތަކާ، ޝައުގަށް އޭނާގެ އާއިލާއިން އިހުތިރާމްކުރެއެވެ. އަދި އެރޮނގުން އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެއްބާރުލުމާ އެހީތެރިކަން ދެއެވެ.

ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އެޕްރެންޓައިސްޝިޕް ޕްރޮގްރާމާ ހަމައަށް ދިއުމަށް ނީޝަންއަށް އެންމެ ބޮޑު ހިތްވަރަކަށް ވީވެސް އޭނާގެ އާއިލާއެވެ. ނަމަވެސް ތެންތިބި މީހުންނަކަށް ނީޝަންގެ މަސައްކަތް ގަބޫލުކުރަން މާ ފަސޭހައެއް ނުވިއެވެ. އެއީ އޭނާއަށް ކުރެވޭ ވަރަށްވުރެ މާ ބުރަ މަސައްކަތެއް ކަމަށް އެ މީހުންނަށް ހީވިއެވެ. ނަމަވެސް ވާހަކަތަކަށް ނީޝަން ދިނީ ބީރު ކަންފަތެކެވެ. އެކަމުގެ އެންމެ ބޮޑު ސިއްރަކީވެސް އޭނާގެ އައިލާއިން ދެމުންދިޔަ އެއްބާރުލުމެވެ.

ނީޝަން އޭނާގެ ކޮންސްޓްރަކްޝަން ސައިޓްގައި/ފޮޓޯ: ޔުނިސެފް

އެޕްރެންޓައިސްޝިޕް ޕްރޮގްރާމް ނިންމާލިއިރު ވަޒީފާ ލިބުނު 10 ކުދިންގެ ތެރޭގައި ނީޝަން ހިމެނުނެވެ. އަލުން އެނބުރި ސްކޫލަށް ދާން ފެށުމުގެ ކުރިން ނީޝަން ވަނީ 3 މަސްދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައެވެ. މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ނީޝަން ވަނީ ބިނާވެއްޓާ އުމްރާނީ ތަރައްގީ އެންމެ ފަންނީ މަސައްކަތްތައް އަމަލީ ގޮތުން ތަޖުރިބާކޮށްފައެވެ. އެގޮތުން އެކްސްކަވޭޝަންއާއި ފައުންޑޭޝަން އެޅުމުގެ މަސައްކަތުން ފެށިގެންގޮސް މިފަދަ ވެއްޓެއްގައި ބޭނުންކުރާނެ މެޝިނަރީޒް އޮޕަރޭޓްކުރުމާ، ބާބެންޑިންގްއާއި ޕަލަމްބިންއާއި ކަރަންޓްގެ މަސައްކަތާ، ރޫފިންއާއި ފިނިޝިންގްގެ މަސައްކަތްތަކުގައި ނީޝަން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

ކޮންސްޓްރަކްޝަން ސައިޓްގައި ހޭދަކުރާ ވަގުތުތަކަށް ނީޝަން ލޯބިކުރެއެވެ. ނަމަވެސް އެ ވެށީގައި އޭނާއަށް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

"މިކަހަލަ ދާއިރާއެއްގައި އަންހެންކުއްޖަކު ހަރަކާތްތެރިވާކަން ގިނަ ފިރިހެނުންނަށް ބަލައެއް ނުގަނެވޭ. އެއީ މި ގޮތަށް އަންހެން ކުދިން ނުފެންނާތީ. މިކަހަލަ ދާއިރާއެއްގައި އަންހެން ކުދިންނަށް ކުރި ނުލިބޭނޭ އެމީހުންނަށް (ފިރިހެނުންނަށް) ހީވެފަ އޮންނަނީ. މިކަހަލަ ގޮތަކަށް މީހަކާ މެދު ދެކުމަކީ އެމީހުން ޖަޖްކުރުން ކަން އަންގައިދޭން ބޭނުން. މިކަހަލަ ހުރިހާ ކަމެއް ބަދަލުކުރަން ބޭނުން!" އަންހެން ކުއްޖަކަށް ވީތީ ވަޒީފާގެ މައިދާނުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ހިއްސާކުރަމުން ނީޝަން ކިޔައިދިނެވެ.

އދގެ ތަރައްގީއާއި ބެހޭ މަޝްރޫއު ބުނާ ގޮތުގައި ދިވެހި އަންހެނުން ގޭތެރޭގެ މަސައްކަތްތަކަށް ހާއްސަވެގެން، ގޭތެރޭގެ މާހައުލުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ދެނެގަނެ އެކަމަށް ބަރޯސާ ކުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ނީޝަންއަށް ކުރިމަތިލާންޖެހުނު ފަދަ ހުރަސްތަކެވެ.

ނީޝަން ބުނި ގޮތުގައި ކޮންސްޓްރަކްޝަން ސައިޓްގައި އުޅޭ ބައެއް ފިރިހެނުން، އޭނާ އެތާ އުޅޭކަން ބަލައިގަތުމަށްވެސް އިންކާރު ކުރެއެވެ. އަދި އެމީހުންނަކީ ވަރަށް "ބޮޑޭ" ހެދިގެން އުޅޭ ބައެއް ކަމަށާ، ނީޝަން މަސައްކަތެއް ކުރިއަސް އެކަން ގަބޫލުކުރަން "ނުކުރޭ މީހުން"ވެސް އުޅެއެވެ. ނަމަވެސް އެކަންކަމަށްވެސް ނީޝަން ކުރިމަތިލައެވެ. އަދި ހަގީގީ "ބޮސް"އަކީ ކޮބައިކަން އެފަދަ މީހުންނަށް ނީޝަންއަށް ސާބިތުކޮށްދެއެވެ.

ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމުގެ ވަރުގަދަ އަޒުމުގައި ހުރި ނީޝަން ހުރީ އޭނާގެ އާއިލާ އާއި ގައުމު ފަހުރުވެރިވާފަދަ ދަރިއަކަށް ވުމަށް އަތުކުރި އޮޅާލައިގެންނެވެ. ވަކި ޖިންސަކަށް އުފަންވީތީ، އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ނުކުރެވޭނެ ހަމަ އެއްކަމެއްވެސް ނުއޮންނާނެކަން ސާބިތުކޮށްދިނުމުގެ ރޫހުގައެވެ.