ރަސްމީ ފާލަން (އިއްޒުއްދީން ފާލަން) އެއްވެސް އަލިކަމެއް ނެތި ކަނު އަނދިރީގައި އޮތް އިރު އެތަން ބަލަހައްޓާ އެމްޓީސީސީއަށް އެކަން ނޭނގޭ ކަމަށް ބުނެފިއެވެ.

"ދަ ޕްރެސް" އަށް އެ ސަރަހައްދުގައި އެއްވެސް އަލިކަމެއް ނެތް ކަން އެނގި އެމްޓީސީސީއާއި ސުވާލު ކުރުމުން އެފަރާތުން ބުނީ، އެމީހުންނަށް އަދި އެކަހަލަ ކަމެއް ވެގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެތަނުގައި އަލިކަމެއް ނެތްކަން ނޭނގޭ ކަމަށާއި އެތަން ނުދިއްލާކަން ވެސް ނޭނގޭ ކަމަށެވެ.

މިއަދު އިރުއޮއްސުނީއްސުރެ އެފާލަމުގައި އަލިކަން ނެތް ކަމަށް އެ ސަރަހައްދުގައި ތިބި މީހުން މައުލޫމާތު ދެއެވެ.

ރަސްމީ ފާލަމުގެ ހުރި އަނދިރިކަމުގައި ލޯންޗުން ފޭބި މީހުންތައް މަޑުކޮށްލައިގެން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އެ ފާލަމަށް ގާތްކުރި ލޯންޗެއްގެ ފަޅުވެރިއަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، އެތަން ކަނު އަނދިރީގައި ބަހައްޓާ އިރު އެމީހުން އަތުން މަހަކު 4500 ރުފިޔާ ނަގާކަމަށެވެ. އެހާ ފައިސާ ނަގައިގެން އެމްޓީސީސީއަށް އެތަނަށް އަލިކަމެއް ނުދެވޭ ކަމަށް ވަންޏާ އެކަން ހުއްޓާލަން ވީ ކަމަށް އޭނާ ބުނެއެވެ.

"މި އޮތީ މި ފާލަން އޮތްގޮތް ކަނު އަނދިރީގަ. އެކަމަކު އަަހަރެމެން އަތުން މަހަކު 4500 ރުފިޔާ ނަގާ. އެހާ ފައިސާ ނަގައިގެން އެމްޓީސީސީއަށް މިތަނަށް އަލިކަމެއް ނުދެވޭ. ކީއްކުރާ ބައެއް އެއީ."
ލޯންޗުގެ ފަޅުވެރިއަކު

ރަސްމީ ފާލަމަށް ގާތްކުރާ އުޅަނދު ފަހަރުން މަހު ކުއްޔެއްގެ ގޮތުގައި އެމްޓީސީސީއަށް 4500 ރުފިޔާ ދައްކާ އިރު ގަޑި އިރަކަށް އެ ފާލަމަށް ގާތްކުރާ އުޅަނދު ފަހަރުން 250 ރުފިޔާ ދައްކަން ޖެހެއެވެ.

މިހާރު ހުރި ގޮތަށް އިއްޒުއްދީން ފާލަން ހެދީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން މާލޭގެ އެކި ތަންތަން ޒީނަތްތެރި ކުރިއިރުއެވެ. އެ ފާލަން ހެދުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ.