ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބޮޑުވަޒީރުގެ ނައިބާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރެއްވިއިރު އަރިހުގައި އެކަމަނާގެ ފިރިހެން ދަރިކަލުން އިންނެވި ނަމަވެސް، އެއީ ދިވެހި ދައުލަތުން ހަރަދުކޮށްގެން ކުރެއްވި ދަތުރެއް ނޫންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔޫއޭއީއަށް ކުރެއްވި ދަތުރުގެ ދެކޮޅު ހަރަދާއި، ކެއުމާއި، ހުރުމުގެ އެއްވެސް ކަމަކަށް ދައުލަތުން ފައިސާއެއް ހަރަދު ކޮށްފައި ނުވާ ކަމަށެވެ. އަދި އައިލާ މެމްބަރަކަށް ވެސް ދައުލަތުން ހަރަދު ކޮށްފައި ނުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ޔޫއޭއީ އަށް ކުރެއްވި ދަތުރަކީ އެ ސިޓީގައި ބޭއްވި "ޖީޓެކްސް ޓެކްނޮލިޖީ ވީކް" އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ. މިނިސްޓަރު މާރިޔާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލު ކުރެއްވިއިރު އަރިހުގައި އެކަމަނާގެ ދަރިކަލުންވެސް އިންނެވިއެވެ. ބައެއް ފަރާތްތަކުން އެކަމަށް ފާޑުކިޔަމުންދާތީ އެކަން ސާފު ކޮށްދެއްވާ މިނިސްޓަރު ވިދާޅުވީ ދަތުރުގެ ހުރިހާ ހަރަދެއް ވެސް ހަމަޖެއްސެވީ އެކަމަނާގެ އާއިލާއިން ކަމަށެވެ. އަދި އެ ބައްދަލުވުން ވެސް ހަމަޖެއްސެވީ އެކަމަނާގެ ދަރިކަލުން ކަމަށް ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި އެކަމަނާގެ އަރިހުގައި ދަރިކަލުން އިންނެވީ ބައްދަލުވުން ހަމަޖައްސައި ދިން ފަރާތުގެ ހައިސިއްޔަތުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މި ދަތުރުގައި ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު ސައިފް ބިން ޒައިދު ވަނީ ރާއްޖޭގެ ފަޔަމަނުން ޔޫއޭއީގެ މަޝްހޫރު އިންސްޓިއުޓެއްގައި ތަމްރީނު ކޮށްދެއްވަން އެއްބަސްވެ ވަޑައިގެންފައެވެ.