ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން އަދި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސުން އިންތިހާބު ކުރުމުގައި ރައްޔިތުންގެ ސިއްރު ވޯޓެއް ނަގާ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ރައީސް އޮފީހަށް އެޓާނީ ޖެނެރަލުން ހުށަހަޅާފައި ވަނީ މިއަދުއެވެ. އެ ބިލުގައި ގާނޫނުއަސާސީގެ އަށްވަނަ ބާބަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ރައީސް ނުވަތަ މޭޔަރާއި އޭނާގެ ނައިބު އިންތިހާބު ކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުމެވެ.

އަދި ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލުގައި ތަމްސީލުކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅު ކައުންސިލުތަކުގެ މެންބަރުން ކަމުގައި ވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަމުގައި ކަނޑައަޅަންވެސް ބިލުގައި ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން ދެން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލުތަކުގެ އުމުރު، ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމެވެ.

އެޓާނީ ޖެނެރަލުން ނެރުނު ނޫސްބަޔާމުގައި ބުނެފައިވަނީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިނގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލަތައް ބާރުވެރި ކުރުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެކުލަވާލާފައިވާ ދެބިލެއް ރައީސް އޮފީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިނގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން ހުށަހަޅާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ، ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތު ތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތު ތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައެޅުމެވެ.

މީގެ އިތުރުން ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލް ތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 ހާއްސަ ކުރެވޭނީ އަންހެނުންނަށް ކަމުގައި ކަނޑައެޅުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ކަނޑައަޅައި، އެ ކޮމިޓީތަކަށް ވަކި ބަޖެޓެއް ދޭގޮތަށް ހަމަޖެއްސުމަށާއި އޮފީސް ހިންގާނެ ތަން ހަމަޖައްސައި ދިނުން ފަދަ އިންތިޒާމުތައް، ކައުންސިލުތަކުން ފޯރުކޮށް ދޭންވާނެ ކަމަށް ކަނޑައެޅުން ވެސް އެ އިސްލާހުގައި ހުމެނެއެވެ.