އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރެއް މިއަދުގެ މުޒާހަރާގައި ފުލުހުން ހައްޔަރު ކުރިކަމަށް ބުނެ ޕްރޮގްރެސިން ކޮންގްރެސް އިން އެކަން ކުށްވެރި ކޮށްފިއެވެ. ޕީއެންސީން ބުނީ ކައުންސިލް މެންބަރު ޝަމްޒީނާ ހައްޔަރު ކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ.

ފުލުހުން އަނހެންކު ހައްޔަރު ކުރަނީ / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

އެ ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، މިއަދު ކްރިމިނަލް ކޯޓުގައި ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިނގަމުން ދިޔަ ވަގުތު އެ މަނިކުފާނު ކޯޓުން ނުކުމެވަޑައިގަންނަވާ ވަގުތު މަރުހަބާ ދެންނެވުމަށް ތިބި ކޯލިޝަންގެ ސަޕޯޓަރުން ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރަމުން ދަނިކޮށް ފުލުހުން ވަނީ ޕީއެންސީގެ ކައުންސިލް މެންބަރަކު ވަރަށް އަނިޔާވެރި ގޮތަކަށް ހައްޔަރުކޮށްފައި ކަމަށެވެ.

މިހާރުން މިހާރަށް އެ މެންބަރު ދޫކޮށްލުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ. އަދި ސުލްހަވެރިކަމެއްގެ ތެރެއިން އަނިޔާވެރި ގޮތަކަށް އަންހެނެއްގެ ކަރާމަތަށްވެސް އުނިކަން ލިބޭފަދަ ގޮތަކަށް ހައްޔަރުކުރި ކަމަށް ބުނެ އެ ކޯލިޝަނުންވަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފައެވެ.

ޗެނަލް13 ގެ ނޫސްވެރިއާ ފުލުހުން ގެންދަނީ

މީގެ އިތުރުން މިއަދު ކުރި މުޒާހަރާގައި ޗެނަލް 13 ގެ މީޑިއާ ކްރޫއަށް މިނިވަން ކަމާއެކު ކަވަރޭޖް ގެނެސްދިނުމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ އެކަންވެސް ވަނީ އިދިކޮޅުން ކުށްވެރިކޮށްފައެވެ. އިދިކޮޅު ކޯލިޝަނުން ބުނީ، އެ ޗެނަލްގެ މުވައްޒަފުން ބޭނުންކުރި މައިކް، ކެމެރާ، އަދި އެހެނިހެން އިކުއިޕްމަންޓްތައް އަނިޔާވެރިގޮތަކަށް ފުލުހުން އަތުލަން މަސައްކަތް ކުރި ކަމަށާއި މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅަން ފުލުހުން މަސައްކަތް ކޮށްފައިވާތީ އެ އަމަލުވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާގެ އެއްވެ އުޅުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާގެ ދަށުން މީޑިއާގެ މިނިވަންކަން ލިބިދީފައިވާ ހިނދު އެ ކޯލިޝަނުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމަށް ހުރަސްއަޅައި، މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމަކީ ކޮށްގެން ވާނެކަމެއް ނޫން ކަމަށްވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ލިބެންޖެހޭ މިފަދަ ހައްގުތައް ލިބޭނެކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް އެ ކޯލިޝަނުންވަނީ ގޮވާލާފައެެވެ.

ކްރިމިނަލް ކޯޓު ކައިރީ މިއަދު ކުރި މުޒާހަރާގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މި ކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، ކްރިމިނަލް ކޯޓު ސަރަހައްދުގައި މިއަދު ބަޔަކު މުޒާހަރާކުރި ވަގުތު އެތަނުގައި މަސްލަހަތު ގާއިމުކުރަން އުޅުނު ފުލުހުންގެ މަސައްކަތަށް ހުރަސް ނޭޅޭގޮތަށް މުޒާހަރާ ކަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މީޑިއާގެ މީހުންނަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން ވަނީ ފުލުހުންގެ އެންގުމަށް އިޖާބަނުދީ މީޑިއާއަށް ދެއްކި ބައުންޑަރީ އަށް ވުރެ ގާތްވެފައި ކަމަށެވެ. އެހެންކަމުން މީޑިއާ މީހުން ވަނީ ފަހަތަށް ޖައްސާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މުޒާހަރާ ކުރަމުންދިޔަ ސަރަހައްދު ކޮންޓްރޯލް ކުރެވުމުން މީޑިއާގެ މީހުންނަށް ބައުންޑަރީގެ ތެރެއިން ޕޮލިސް މީޑިއާގެ ބެލުމުގެ ދަށުން މުޒާހަރާ ކަވަރު ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނަމަވެސް މިކަމުގައި މީޑިއާގެ މީހުން ދަނީ ފުލުހުން ގާތު މި މައްސަލަ ބަލާ ދިނުމަށް އެދެމުންނެވެ. އެގޮތުން ފުލުހުން އެތަނުން ދުރަށް ޖައްސަން މަސައްކަތް ކުރި ޗެނަލް13 އަށް ނިސްބަތްވާ ފަރާތާއި ދޭތެރޭ ފުލުހުން އަމަލުކޮށްފައިވާ ގޮތް ބުނެދިނުމަށް އެ ފަރާތުން އެދެއެވެ. އޭނާ އެތަނުން ދުރު ކުރަން ފުލުހުން އޭނާގެ އަތުގައި ހިފައިގެން ދުރަށް ޖައްސަން މަސައްކަތް ކޮށްފައިވަނީ ބައުންޑްރީވެސް ހުރަސް ނުކުރަނީސް ކަމަށް އޭނާ ނިސްބަތްވާ މީޑިއާގެ ފަރާތްތަކުން ބުނެއެވެ.