މިއަދު ކްރިމިނަލް ކޯޓު ކައިރީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކުރާ ފަރާތްތައް އެއްވެގެން ކުރި މުޒާހަރާ ކަވަރު ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް މީޑިއާއަށް ފުލުހުން ހުރަސްއެޅި ކަމަށް ބުނެ މީޑިއާއިން މައްސަލައެއް ފެންމަތި ކޮއްފިއެވެ.

މި ކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، ކްރިމިނަލް ކޯޓު ސަރަހައްދުގައި މިއަދު ބަޔަކު މުޒާހަރާކުރި ވަގުތު އެތަނުގައި މަސްލަހަތު ގާއިމުކުރަން އުޅުނު ފުލުހުންގެ މަސައްކަތަށް ހުރަސް ނޭޅޭގޮތަށް މުޒާހަރާ ކަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މީޑިއާގެ މީހުންނަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން ވަނީ ފުލުހުންގެ އެންގުމަށް އިޖާބަނުދީ މީޑިއާއަށް ދެއްކި ބައުންޑަރީ އަށް ވުރެ ގާތްވެފައި ކަމަށެވެ. އެހެންކަމުން މީޑިއާ މީހުން ވަނީ ފަހަތަށް ޖައްސާފައި ކަމަށް ފުލުހުން ބުނެއެވެ.

ކްރިމިނަލް ކޯޓު ކައިރިގައި ހިނގި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދަނީ / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މުޒާހަރާ ކުރަމުންދިޔަ ސަރަހައްދު ކޮންޓްރޯލް ކުރެވުމުން މީޑިއާގެ މީހުންނަށް ބައުންޑަރީގެ ތެރެއިން ޕޮލިސް މީޑިއާގެ ބެލުމުގެ ދަށުން މުޒާހަރާ ކަވަރު ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނަމަވެސް މިކަމުގައި މީޑިއާގެ މީހުން ދަނީ ފުލުހުން ގާތު މި މައްސަލަ ބަލާ ދިނުމަށް އެދެމުންނެވެ. އެގޮތުން ފުލުހުން އެތަނުން ދުރަށް ޖައްސަން މަސައްކަތް ކުރި ޗެނަލް13 އަށް ނިސްބަތްވާ ފަރާތާއި ދޭތެރޭ ފުލުހުން އަމަލުކޮށްފައިވާ ގޮތް ބުނެދިނުމަށް އެ ފަރާތުން އެދެއެވެ. އޭނާ އެތަނުން ދުރުކުރަން ފުލުހުން އޭނާގެ އަތުގައި ހިފައިގެން ދުރަށް ޖައްސަން މަސައްކަތް ކޮށްފައިވަނީ ބައުންޑްރީވެސް ހުރަސް ނުކުރަނީސް ކަމަށް އޭނާ ނިސްބަތްވާ މީޑިއާގެ ފަރާތްތަކުން ބުނެއެވެ.

މީޑިއާގައި މަސައްކަތް ކުރާ ފަރާތަކުން ފުލުހުންނަށް މީޑިއާގެ ފާސް ދައްކަނީ

ފުލުހުން ބުނީ، މީޑިއާތަކުން އެއްވުންތައް ކަވަެު ކުރުމުގައި ހަރަކާތްތެރިވާއިރު އެމީހުންނަކީ މީޑިއާގެ މީހުންކަން އެނގޭނެހެން ފާސް އަޅައިގެން ހަރަކާތްތެރިވުމަށެވެ. ނަމަވެސް މައްސަލަ ޖައްސަމުންދާ ބައެއް މިޑިއާތަކުން ބުނީ އެ ފަރާތުން އެތަނުން ދުރަށް ޖައްސާފައިވަނީ އެމީހުންގެ މީޑިއާ ފާސްވެސް ދައްކާފައި ވަނިކޮށް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު އެ ސަރަހައްދުގައި ޔާމީންގެ ސަޕޯޓަރުން އެއްވެ ކުރަމުންދިޔަ މުޒާހަރާ ވަނީ ހޫނުވެފައެވެ. ކްރިމިނަލް ކޯޓުގެ ކުރި މައްޗަށް ވާގޮތަށް އޮތް ދުވާރު މަތީގައި އެތައް ބަޔަކު އެއްވެގެން ތިބީ އިންސާފުވެރިކަމާއެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދި އެފަދަ ލިޔުންތައް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެންނެވެ.

ކްރިމަިނަލް ކޯޓު ކައިރިގައި ރައީސް ޔާމީޏްގެ ސަޕޯޓަރުން ކުރި މުޒާހަރާގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސްނ

ދުވާރު މަތީ ތިބި މީހުން ނުތެދުވެ ތިބުމުން ފުލުހުން ވަނީ އެތާ ތިބި މީހުން އަތުގައި ހިފާ ކޮޅަށް ނަގައި މީހުން ފަހަތަށް ޖައްސަން މަސައްކަތް ކޮށްފައެވެ. އެކަމާ ގިނަ ބަޔަކު ދެކޮޅު ހެދުމުން ފުލުހުން ވަނީ އެ ސަރަހައްދުން މީހުން ފަހަތަށް ޖައްސަން ފަށާފައެވެ. ޢެކަމާ ޔާމީންގެ ސްޕޯޓަރުން ނުރުހުންވެ އެހެން ނުހެދޭނެކަމަށް ބުނެ ގަދަހަދަން މަސައްކަތް ކޮށްފައި ވެއެވެ. މުޒާހަރާ ހޫނުވެ، ބައިވެރިން ފުލުހުންގެ ގަޔަށް އަތްލައިފައި ވާކަމަށް "ދަ ޕްރެސް" ގެ ނޫސްވެރިއާ މައުލޫމާތު ދިނެވެ.

https://thepress.mv/106653

މިއަދު ކްރިމިނަލް ކޯޓު ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންނަށް ހަމަލާދިން އުމުރުން 38 އަހަރުގެ ދިވެހި އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.