ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާއާ ގުޅިގެން ރައީސް ޔާމީނަށް ހުކުމް ކުރުން ނޮވެމްބަރު 5 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވަނީ މި މައްސަލައާ ގުޅޭ ހުލާސާ ބަޔާން އިއްވާފައެވެ. މެންދުރުފަހު 1:00 ގައި ފެށި މި އަޑުއެހުން ނިންމާލާފައި ވަނީ ހަވީރު 5:00 ޖެހި އިރެވެ. މި އަޑުއެހުމުގައި ދައުލަތުގެ ވަކީލުންނާއި، ދިފާއީ ވަކީލުން ވަނީ ފާއިތުވި 5 އަޑުއެހުން ކުރިއަށް ދިޔަ ގޮތާއި، ހުށަހެޅި ހެކިތައް ހުލާސާކޮށް ދެއްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާ އަކީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި ކޮށްފައިވާ ދައުވާއެކެވެ. އަދި އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފައިވާއިރު، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކްރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް އެކުލަވާލާގައެވެ.

އޭސީސީއާ އެކު އެއްބަސްވުމެއް އެކުލަވާލީ، އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. ނަމަވެސް، ދައުލަތުން ވަނީ، ރައީސް ޔާމީން އެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް، އެސްކޮރޯ އެކައުންޓަށް ރައީސް ޔާމީން ޖަމާކުރެއްވީ، އެސްއޯއެފުން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ ކުރީގެ ސަރުކަރުކާގެ ޓުއަރިޒަމް މިނިސްޓަރުމޫސާ ޒަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ބުނެފައެވެ.