އެއްބަޔަކު ބޯހިޔާވަހިކަމެއް ނެތި އުޅޭއިރު، އަނެއްބަޔަކު ބަންޑާރަގޯތިން ވިޔަފާރި ކުރަން ފުރުސަތު ދިނުމަކީ ގޯތި ނެތް މީހުންނަށް ދެވޭ އަނިޔާއެއް ކަމަށް ކުރީގެ އޮޑިޓް ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްބަޔަކު ބޯހިޔާވަހިކަމެއް ނެތި ބިކަ ހާލުގައި މުޅި އުމުރު ފަނާވެގެން ދާ ކަމަށެވެ. ނަމަވެސް ބަންޑާރަގޯތި ބޭނުން ކޮށްގެން އެއްބަޔަަކު މިލިއަން ޑޮލަރުގެ ވިޔަފާރު ކުރަން ފުރުސަތު ދީފައިވާ ކަމަށެވެ. މި ކަމަކީ ބޭއިންސާފުވެރި ކަމެއް ކަމަށާއި އެއީ ބޯހިޔާ ވަހިކަން ނެތި އުޅޭ މީހުންނަށް ދެވޭ އަނިޔާއެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒް ވިދާޅުވީ، ދައުލަތުގެ ބިން ރައްޔިތުންގެ މެދުގައި ބަހާލެވިފައިވާ، ނުވަތަ ބަހަމުންދާ، ނުވަތަ މިލްކު ކޮށްދެމުން ދާ، ނުވަތަ ބޭނުން ކުރަމުންދާ އުސޫލަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ ބޭއިންސާފުން ކުރެވޭ ކަން ކަމަށެވެ.

ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނަށް މީގެ ކުރިން ދިރިއުޅުއްވަން ބިންތައް ދޫކޮށްފައިވެއެވެ. މީގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި ކުރިނބީ އިން ދޫކުރުމަށް ނިންމާފައިވަނީ 3000 އަކަފޫޓޫގެ 31 ގޯއްޗެއްގެ މަސައްކަތް ވަނީ ހައުސިން މިނިސްޓްރީން އިން ހުއްޓުވާފައެވެ. ހދ.ކުރިނބީގެ ގޯތި ދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލަން އަންގަވާފައިވަނީ ގޯތި ދޫކުރުމާއި ގުޅޭގޮތުން އެރަށުގެ ރައްޔިތުންގެ ޝަކުވާތަކެއް އެ މިނިސްޓްރީއަށް ހުށައަޅާފައިވާތީ، އެޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މި ފަހަކަށް އައިސް މާލެ ތޮށްޖެހުމުގެ ވާހަކަ އާއި މާލޭގެ ރަށްވެހިންނަށް އުޅޭނެ ގެދޮރެއް ނެތި ދަތި ހާލުގައި އުޅެން ޖެހުމުގެ ވާހަކައަކީ ހޫނުގަދަކޮށް ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކައެވެ. އެގޮތުން ބައެއް ބަންޑާރަ ގޯތި ތަކުގައި ދައުލަތުން 10 ބުރީގެ ބޮޑެތި އިމާރާތް އަލަމުންދާ މައްސަލަތައްވެސް ގިނަ ބަޔަކު ފާހަގަކޮށް މާލެ ސިޓީ ކައުންސިލާ ސުވާލުކޮށްފައިވެސް ވެއެވެ. މާލޭގައި ޕާކްކުރާނެ ޖާގަ ނެތި ވެހިކަލްތައް މަދުކުރުމަށް ވިސްނާ ކަމަށް މާލެ ސީޓީން ބުނުމުން އެކަމަށް ރައްދުދީ ގިނަ ބަޔަކު ބުނަމުން ދަނީ ބަންޑާރަ ގޯތިތަކުގައި 10 ބުރީގެ އިމާރާތް އެޅުމަށްވުރެ އެތަންތަނުގައި ޕާކިންގް ޒޯންތަކެއް ހެދުންވެސް މާ ބުއްދިވެރި ކަމަށެވެ.