ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަތަ ދައުރަށް 34 ބިލެއް ހުށަހަޅާނެ ކަމަށް އިއްޔެ އޭޖީ އޮފީހުން ހާމަ ކުރި އިރު ރައްޔިތުންގެ މަޖިލީހުން ވަނީ ބިލްތަކެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ 'ސީދާ އިންސްޓްރަކްޝަނަށް' އެ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށް އެބަ ގެންދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ބިލްތައް ޑްރާފްޓް ކުރުމަށް ސަބް ކޮމެޓީތަކެއް ވެސް ވަނީ ހަދާފައެވެ.

"އެ ބިލްތަކުގެ މަސައްކަތް ހިނގަނީ ކޮމިޓީ މަސައްކަތެއްގެ ގޮތުގައި" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުން ބިލްތައް ޑްރާފްޓް ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި، ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލީހުން ފެށީ މަސައްކަތްތައް ހަލުވި ކޮށް، ނިންމަން ހުރި ގާނޫނުތައް އަވަހަށް ނިންމުމަށް ކަމަށެވެ.

މަޖިލީހުގެ އެ ނިންމުމާ ގުޅިގެން އޭޖީއާއި ބައެއް ފަރާތްތަކުން ނުރުހުން ފާޅު ކުރައްވާފައި ވާއިރު އޭޖީ އިބްރާހިމް ރިފްއަތު ވަނީ މަޖިލީހުގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފައްދަވާފައެވެ.

ފެށުނީއް ސުރެ ސަރުކާރުން ނުވަތަ ދައުލަތުން ހުށަހަޅާ ބިލުތައް ހުށަހަޅަނީ އޭޖީއެވެ. އޭގެ ބޭރުން ޕާޓީތަކުންވެސް މަޖިލިހަށް ބިލު ހުށަހަޅައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައި ވަނީ "އެމްޕީން ބިލް ޑްރާފްޓް ކުރިޔަސް އޭޖީ ކުރިޔަސް ކުރަނީ އެއްކަމެއް" ކަމަށެވެ.

ރައީސް ނަޝީދު ވިދާލުވެފައި ވަނީ، ޕާޓީތަކުންވެސް ބިލު ހުށަހެޅޭ ގޮތަށް އޮންނަނީ، މެޖޯރިޓީ ނެތް ހާލަތުތަކުގައިވެސް ޕާޓީތަކުން ބޭނުންވާ ބިލު ހުށަހެޅުމަށް ޖާގަ ދިނުމަށް ކަމަށެވެ. ހަމަ އެގޮތަށް މެޖޯރިޓީ އޮތަސް ޕާޓީން ބިލު ހުށަހެޅޭނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވަން ބޭނުންފުޅުވާ ބިލުތައްވެސް ހުށަހަޅުއްވަން ވާނީ ޕާޓީގެ ފަރާތުން ކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މަޖިލީހުން ޑްރާފްޓް ކުރަމުން ދަނީ އެޖެންޑާ19 ގަައި ހިމެނޭ ބިލްތައް ކަމަށެވެ.