މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މެންބަރުންގެ ގޮތުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް 11 މެންބަރުން ވޯޓު ދެއްވި ނަމަވެސް، ބޭރުކޮށްލުމަށް އެމްޑީޕީގެ 35 މެންބަރުން ވޯޓު ދެއްވިއެވެ. މި ކުއްލި މައްސަލައަކީ، އެމްޑީއެންގެ ރިޕޯޓާ ގުޅިގެން މަޖިލީހަށް ހުށަހެޅި ދެވަނަ ކުއްލި މައްސަލައެވެ.

ޝިޔާމް ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ، ނިޒާމީ މައްސަލައެއް ނަންގަވައި، މި މައްސަލައަކީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަށް ނުފެތޭ، ގަވާއިދާ ހިލާފަށް ހުށަހަޅުއްވާ މައްސަލައެއް ކަމަށެވެ. އަދި މަޖިލީހުގެ އެ ދައުރެއްގައި ބަހުސް ކޮށްފައިވާ މައްސަލައެއް އަލުން އުފަން ކުރުމަށް މައްސަލައެއް ހުށަނޭޅޭނެ ކަން ގަވާއިދުގައި ބުނާ ކަން އާޒިމް ފާހަގަކުރެއްވިއެވެ.

ނަމަވެސް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި އާންމުކޮށް އަމަލު ކުރާ އުސޫލުގެ މަތިން އެ މައްސަލާގައި ބަހުސް ކުރުމާ މެދު މެންބަރުން ގޮތެއް ނިންމުމަށް ވޯޓަކަށް ދާން ޖެހޭ ކަމަށާއި، ކުއްލި މައްސަލައަކީ ގަވާއިދާ ހިލާފަށް ހުށަހެޅުއްވި މައްސަލައެއް ކަމަށް މެންބަރަކަށް ފެނިވަޑައިގަންނަވާ ނަމަ އެ ގޮތުގެ މަތިން ވޯޓު ދެވޭނެ ކަމަށެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތައް ހިމަނާ އަދި އެ ރިޕޯޓްގައި އިސްލާމް ދީނާއި ރަސޫލާ އަށް ތަައުހީނުވާ ފަދަ ވާހަކަތައް ހިމަނާފައިވާ ކަމަށް ދިވެހި ސަރުކާރުން ގަބޫލުކޮށްފައިވާ އިރު، އެ ޖަމިއްޔާ ހިންގުމުގައި ބައިވެރިވަމުންދާ ގިނަ ބަޔަކު ތަފާތު މަގާމުތަކަށް އައްޔަންކޮށްފައި ތިބުމުން އެ މީހުން ސަރުކާރުގައި ތިބެގެން އިސްލާމްދީނަށް ފުރައްސާރަކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެއެވެ.

އަދި އެފަދަ ބަޔަކު ދައުލަތުގެ އިސް މަގާމުތަކުގައި ތިބުމަކީ ރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅި އިސްލާމީ ވަހްދަތާއި ދިވެހިންގެ އެއްބައިވަންތަކަން ގެއްލި ގައުމުގައި ހިލާފުތައް އުފެދި ބާތިލް ފިކުރުތައް ރާއްޖޭގައި ފެތުރުމަށް މަގިފަހިވެ ގައުމުގެ ސަލާމަތައް ނުރައްކާވާނެ ކަމެއް ކަމަށް އެ މައްސަލާގައިވެއެވެ.

މިކަމާ ރުހި ވަޑައިނުގެން، ޝިޔާމް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްމުވެރިންނާއި ބައްދަލު ކުރެއްވާ، އެމްޑީއެން އުވާލާނެ ކަމަށް ވިދާޅުވީ މަޖުބޫރު ވެގެން ކަމަށާއި، އެވަރުން ނުފުދޭ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ، ގާނޫނު އަސާސީން ރައީސަށް މަތިކުރާ މަސްއޫލިއްޔަތު އަދާކުރެވުނު ކަމަށް ވާނީ އެމްޑީއެން އާ މެދު ފިޔަވަޅު އެޅިގެން ކަމަށެވެ.