އަންނަ އަހަރު މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލޭގެ ރަށްވެހިންނަށް އިސްކަން ދޭން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

މާލޭ ސްކޫލްތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލު ގެނެސް އިއްޔެ އެ މިނިސްޓްރީން ނެރުނު ސާކިޔުލާއެއްގައި ބުނެފައި ވަނީ، އަންނަ އަހަރު ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ އެ ސްކޫލެއްގެ ސަރަހައްދުގައި ދިރިއުޅޭ މާލޭގައި ރަށްވެހިވެފައި ވާ ދަރިވަރުންނަށް ކަމަށާއި، އެއަށް ފަހު އެންމެ ބޮޑަށް އިސްކަންދޭނީ ސްކޫލު ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެންބަނޑު ދަރިވަރުންނަށް ކަމަށްވެސް ސާކިލާގައި ބުނެފައިވެއެވެ. މީގެ އިތުރުން މި ސާކިއުލާގައި ބުނެފައި ވަނީ ސްކޫލުތަކަށް ވެއްދުމުގައި ދެން އިސްކަމެއް ދޭނީ، އެ ސްކޫލުތަކުގެ ޓީޗަރުންގެ ދަރިންނާއި، ޝަރުއީ ގޮތުން އެ ޓީޗަރުންގެ ބެލުމުގެ ދަށުގައި ތިބޭ ދަރުވަރުންނަށް ކަަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން މިނިސްޓްރީން އާއްމުކުރި އުސޫލުގައި ވަނީ، މި ކަންކަމަށް ބަލައި ޖާގަތައް ހަމަޖެއްސުމަށް ފަހު، ބާކީ ހުރި ޖާގަތަކަށް ދަރިވަރުން ކަނޑައަޅާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލު ސަރަހައްދާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބެލުމަށް ފަހުގައި ކަމަށާއި ސަރުކާރު ސްކޫލުތަކުން ފައުންޑޭޝަން ނިންމައި ގްރޭޑު އެކަކަށް ބަދަލުވާ ދަރިވަރުންނަށް އެ ދަރިވަރަކު ފައުންޑޭޝަން ލެވެލް ނިންމި ސަރުކާރު ސްކޫލަކުން ޖާގަ ހަމަޖެހިގެން ދާނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.

ގަވައިދަށް ބަދަލު ގެނެސް މިގޮތަށް ހަމަޖައްސާފައި ވަނީ، ބައެއް ސްކޫލްތަށް ހިމެނޭ ސަރަހައްދުގައި ގަވައިދާއި ހިލާފަށް، އެ ސަރަހައްދުގައި ނޫޅޭ ފަރާތްތަކުން ލިޔެކުޔުން ހުށަހަޅައި ސްކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ސްކޫލުތަކުން ޖާގަ ނުލިބުމުގެ ސަބަބުން ކަމަށް ވެސް މި ސާކިއުލާ ގައި ބުނެފައި ވެއެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ސޮއިކުރައްވާ ސްކޫލުތަކަށް މިހާރު މި ސާކިއުލާ ފޮނުވާފައި ވާއިރު، އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންނާއި ބެލެނިވެރިންނަށް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި އިންސާފުން ހިދުމަތްތަށް ފޯރުކޮށް ދިނުމަށް ކަމަށްވެސް މި ސާކިއުލާގައި ބުނެފައިވެއެވެ.