ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައި ވާ މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖު) ކަނޑައެޅުމަށް، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ސާވޭއެއް (އެންޓަޕްރައިސް ސާވޭ) މިމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ސާވޭގެ މައިގަނޑު މަގްސަދަކީ މާލެއާއި އަތޮޅުތެރޭގެ ވިޔަފާރުތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް ކުރެވޭ ހަރަދުތަކާއި އެ ވިޔަފާރިތަކުގެ މާލީ ހާލަތު ދެނެގަތުން ކަމަށެވެ. އަދި މި ސާވޭގައި ހިމެނިގެންދާނެ މައިގަނޑު ވިޔަފާރިތަކަކީ ޓޫރިޒަމް، ކޮންސްޓްރަކްޝަން ހޯލްސޭލް/ރީޓެއިލް އަދި ކެފޭ/ރެސްޓޯރަންޓް/ހޮޓާ، މި ދާއިރާތަކާއި ގުޅޭ ވިޔަފާރިތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، މި ސާވޭ ބައްޓަން ކުރެވިފައި ވަނީ ވަކިވަކި ވިޔަފަރިތަކަށް ޒިޔާރަތްކުރުމަށްފަހު، އެ ވިޔަފާރިތަކުގެ ޒިންމާދާރި ފަރާތްތަކާ ބައްދަލުކޮށް، ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކަމަށެވެ. އަދި މިގޮތުން އެއްކުރެވޭ މައުލޫމާތުތަކަކީ މިނިމަމް ވޭޖު ކަނޑައެޅުމުގައި ވިޔަފާރިތަކުގެ މާލީ ހާލަތު އެންމެ ފުރިހަމައަށް ދެނެގަތުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި ސާވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މިނިމަމް ވޭޖު ކަނޑައަޅާ ބޯޑުގެ ފަރާތުން، އިކޮނޮމިކް މިނިސްޓްރީއާ، ރިޔަން ޕްރައިވެޓް ލިމިޓެޑްއާ ދެމެދު މިދިޔަ އާދިއްތަ ދުވަހު ވާނީ އެއްބަސްވުމެއްގައި ސޮއި ކޮށް، ރަސްމީގޮތުން މަސައްކަތް ވަނީ ރިޔަން ކުންފުންޏާއި ހަވާލުކޮށްފައެވެ. މިނިމަމް ވޭޖު ކަނޑައަޅާ ބޯޑުން ވަނީ، މި ސާވޭގައި ބައިވެވަޑައިގަންނަވާ، ހުރިހާ ފަރާތްތަކުން ވެސް ސާވޭގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރިޔަން ކުންފުނީގެ ޓީމަށް އެއްބާރުލުން ދިނުމަށް، މި ސާވޭއަށް ބޭނުންވާ އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.