ރާއްޖެއަށް އެތެރެ ކުރަން އުޅުނު، 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި 13 މީހަކަށް މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލާގައި ބޭރުގެ ބޯޓުން ހައްޔަރުކުރި ހަ މީހުންނަށް މިއަދު ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށާއި، ރާއްޖޭގެ މަސް ދޯނިން ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ދެ މީހުންނަށް 15 ދުވަހުގެ މުއްދަތެއް އަދި ބަންގްލަދޭޝް ދެ މީހުންނަށް 10 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ.
އަދި މި ނެޓްވޯކްގައި ހިމެނޭ އިތުރު ތިން މީހުން ވެސް ރޭ ހައްޔަރު ކޮށް، މި 3 މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލާގައި މިހާތަނަށް ޖުމްލަ 13 ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށާއި، މި ހުރިހާ އެންމެން ވެސް ހައްޔަރު ކޮށްފައި ވަނީ މިއަދު ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ބޯޓު އަތުލައިގެންފައި ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. ބޭރުގެ ބޯޓު ހިފަހައްޓާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ބޯޓު އަތުލައިގެންފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުންނެވެ.
އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި ބޯޓު މަސްތުވާތަކެތި ހިފައިގެން އެ ސަރަހައްދުގައި އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، މި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. އަދި އެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު، އެމްއެންޑީއެފުން ވަނީ، ރާއްޖޭގެ އުޅަނދަކަށް އެ ސަރަހައްދުގައި އުޅުނު "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯނި ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސް، މާލެ ގެނެސްފައެވެ.
އަދި ފުލުހުން އެންމެ ފަހުން ހާމަ ކުރި މައުލޫމާތުގައި ވަނީ ބޯޓުން އަދި ފެނުނީ 70 ކިލޯ ކަމަށް ބުނެފައެވެ.