ހުޅުމާލޭ އިމާރާތެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ، ހުޅުމާލޭގައި ހުރި އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ހުރި ތަނެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް އަދި ސްޕެޝަލް އޮޕަރޭޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ރޭ މެންދަމު 2:25 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލޭ އިމާރާތެއް ބަލާފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭގެ ތެރޭގައިި ހިމެނެނީ، ހަތަރު ޖޫސްޕެޓީ ކޮތަޅާއި، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތް ފުޅި އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 11 ބުލެޓު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.