ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކާއި ގއ. ކޮނޑޭ މެޖިސްޓްރެޓް ކޯޓުގެ އިސް މެޖިސްޓްރޭޓަށް ނަސޭހަތްދިނުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީގެ ގާނޫނުގެ ދަށުން ނަސޭހަތްތެރިކަމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ، ގއ. ކޮނޑޭ މެޖިސްޓްރެޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމަށާއި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ، އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ އަރީފަށެވެ.

ކޮނޑޭ މެޖިސްޓްރެޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމަށް ނަސޭހަތްތެރިކަމުގެ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމާފައިވަނީ މިދިޔަ އޮގަސްޓް 21 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަ އަކާއި ގުޅިގެން، މައްސަލަ ބަލާ ކޮމިޓީން އެގޮތަށް ނިންމުމުންނެވެ. އަދި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ، އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ އަރީފަށް ނަސޭހަތްތެރިކަމުގެ ފިޔަވަޅު އަޅަން ނިންމީ، މިދިޔަ ޖުލައި 22 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކާއި ގުޅިގެން، މައްސަލަ ބަލާ ކޮމިޓީން އެގޮތަށް ނިންމުމުންނެވެ.

މީގެ އިތުރުން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލު ވުމުގައި އެ ކޮމިޝަނުން ވަނީ، އިތުރު ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައެވެ. އެގޮތުން، ޖޭއެސްސީން މައްސަލަ ބެލުމަށް ނިންމާފައިވާ ތިން ފަނޑިޔާރުންގެ ތެރޭގައި، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އުއްމުކުލްޘޫމް އަބޫބަކުރު، ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރު އަދި ސިވިލް ކޯޓުގެ ގާޒީ އަބްދުއްނަސީރޔ ޝަފީގު ހިމެނެއެވެ.