އދ. މާމިގިލި ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފައި ވާކަމަށް މާމިގިލީ ޕޮލިސްޓޭޝަނުން ބުނެފިއެވެ.

އެކި މައްސަލަތަކާއި ގުޅިގެން މާމިގިލި ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ޕޮލިސްޓޭޝަންގައި ނައްތާލާފައި ވާއިރު، ނައްތާލި ތަކެތީގެ ތެރޭގައި 809 ފުޅި ބަނގުރަލާއި، 405 ދަޅު ބިޔަރު ދަޅެވެ. އިއްޔެ ނައްތާލާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށް މާމިގިލީ، ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިން އަތުން އަތުލި ތަކެތި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މިތަކެތި ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނއްދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެހި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުވެސް ވަނީ، ދަރަވަންދޫ އެއާޕޯޓުން، ފަތުރުވެރިން އަތުން އަތުލި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މަސްތުވާތަކެއްޗާއި، ބަނގުރާ ފަދަ ތަކެތީގެ ތެރެއިން ޝަރީއަތަށް ކޮންމެހެން ބޭނުންވާ ތަކެތި ފިޔަވައި އެހެން ހުރިހާ އެއްޗެއް ފުލުހުން ދަނީ އެކި ދުވަސް މަތިން ނައްތާލަމުންނެވެ. މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ވެސް ދަނީ އެ ސާވިސަސްގެ ބެލުމުގެ ދަށަށް ގެންދެވޭ މަސްތުވާތަކެތި އެކި ދުވަސް މަތިން ނައްތާލަމުންނެވެ.