2018 ވަނަ އަހަރާ އަޅާ ބަލާއިރު، ނިމިދިޔަ ސެޕްޓެމްބަރު މަހުވެސް ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް ދަށަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު ސްރީލަންކާއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 27.2 ޕަސެންޓް ދަށަށް ގޮސްފައިވާކަމަށް ސްރީލަންކާގެ ފަތުރުވެރިކަމާ ބެހޭ ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ނިމިދިޔަ ސެޕްޓެމްބަރު މަހު ސްރީލަންކާއަށް ޒިޔާރަތްކޮށްފައި ވަނީ 108575 ފަތުރުވެރިންނެވެ. މިއީ ސްރީލަންކާއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވިދިވިދިގެން ދަށަށް ދިޔަ 6 ވަނަ މަހެވެ. މި ދުވަސްވަރަކީ، ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރަށްފަހު އެގައުމަށް އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ދުވަސްވަރުވެސްމެއެވެ.

ސްރީލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު ދަށްވެފައި މިވަނީ، މިއަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅު އެގައުމުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެންކަމަށްވާއިރު، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ނެގެހެއްޓުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.