ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންވެއްޖެއެވެ.

އަލީ ހަމީދު، ޖަލަށްލަށް ލާފައި ވަނީ ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށް ދެ ދައުވާއެއްގެ މައްޗަށް ހުކުމް ކޮށްފައެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށް ޖަލަށްލުމަށް ހުކުމް ކުރީ އަލީ ހަމީދު އާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއެވެ.

އަލީ ހަމީދުގެ މައްޗަށް އެ މައްސަލައިގައި ދެ ދައުވާއެއް ކޮށްފައި ވާއިރު، އެއީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވިކަމުގެ ދައުވާއެވެ.

އަލީ ހަމީދުގެ މައްޗަށްކް ކުރިމިނަލް ކޯޓުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައި ވަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވުމުންނެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ހުކުމް ބާތިލުކޮށް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވީ ގޭބަންދުގައި ހުންނަވައިގެނެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލީ ހަމީދުގެ ހުކުމް މިދިޔަ މަހުގެ މެދު ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރުގެ އަބްދުﷲ ސައީދުވެސް މިހާރު ގެންދަވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އޭނާގެ ހުކުމް ތަންފީޒުކޮށް އަދި ނުނިމެއެވެ.