ފޯލިކް އެސިޑް ނުވަތަ ފޯލޭޓްއަކީ މާބަނޑު އަންހެނުންގެ ސުޕާހީރޯއޭވެސް ބުނެވިދާނެއެވެ. މިއީ ދަރިއަކު ހޯދަން މަސައްކަތްކުރާ ހިސާބުން ފެށިގެން މާބަނޑު ދުވަސްވަރުވެސް ބޭނުންކުރުމަށް އިންތިހާއަށް މުހިންމު ވިޓަމިންތަކެއް އެކުލެވޭ ބޭހެކެވެ. މިއީ މައިމީހާގެ ރަހިމުގައި އުފެދޭ ދަރިފުޅުގެ ހެދިބޮޑުވުމާ ދުޅަހެޔޮ ސިއްހަތު ކަށަވަރުކުރުމަށް އެހީވެދޭނެ މުހިންމު މާއްދާތަކަކުން މުއްސަނދިކުރެވިފައިވާ ބޭހެކެވެ.

ފޯލިކް އެސިޑަކީ ކޮބާ؟

ފޯލިކް އެސިޑް ނުވަތަ ފޯލޭޓްއަކީ ވަރަށް ފަސޭހައިން ފެނަށް ގިރުވާލެވޭ ވިޓަމިން ބީގެ މާއްދާއެކެވެ. އަޅުގަނޑުމެންގެ ހަށިގަނޑުން ފޯލިކް އެސިޑް ބޭނުންކުރަނީ އާ ސެލްތަކާ ނިއުކްލިކް އެސިޑް އުފެއްދުމަށެވެ. ވިޓަމިން ބީ9ގެ ގޮތުގައިވެސް މުހާތަބު ކުރެވޭ ފޯލިކް އެސިޑަކީ އިންސާނެއްގެ ހަށިގަނޑު ފުރިހަމަ ގޮތުގައި ހެދި ބޮޑުވުމަށް އެހީވެދޭ މާއްދާއެކެވެ. މީގެ އިތުރުން ފޯލިކް އެސިޑަކީ، ޖެނެޓިކްސްއާއި ގުޅިފައިވާ ޑީއެންއޭ އުފެއްދުމުގެ މަރުހަލާގައިވެސް އިސް ދައުރެއް އަދާކުރާ މާއްދާއެކެވެ.

ބައިގެން ދިއުމަށްފަހު ދެން ބަލިވެއިން ފަހަރު ލޭ ފެނުމުން ހޯމޯން ފަރުވާ ހޯދި ސަމޭންތާ އެލަން ވިހޭ ދަރިފުޅު/ފޮޓޯ: ސަމޭންތާ އެލަން

ފޯލިކް އެސިޑް ބޭނުންކުރަންވާނީ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދާއެކުގައެވެ.

ފޯލިކް އެސިޑްގެ ފައިދާ

ނިއުރަލް ޓިއުޑް ޑިފެކްޓްސް ކުޑަކޮށްދޭ

ފޯލިކް އެސިޑަކީ ބަނޑުތެރޭގައި ދަރިފުޅު އުފެދި ހެދި ބޮޑުވަމުން އަންނަ އިރު ސިކުނޑިއާއި ސްޕައިނަލް ކޯޑަށް ބަދަލުވެގެން ދާ ނިއުރަލް ޓިއުބްގައި އައިބުކަން އުފެދުމާ ދުރުކޮށްދީ އެފަދަ ކަމަކުން ދަރިފުޅު ހިމާޔަތްކޮށްދޭ މާއްދާއެކެވެ. މިއީ ބަނޑުތެރޭގައި އަލަށް އުފެދިގެން އަންނަ ދަރިފުޅުގެ ނާރުތަކުގެ ނިޒާމުގައި އައިބެއް އުފެދުމާވެސް ދުރުކޮށްދޭ މާއްދާއެކެވެ.

ރެޑް ބްލަޑް ސެލްސް އުފައްދައިދޭ

ގަވައިދުން ފޯލިކް އެސިޑް ބޭނުންކުރުމުން ހަށިގަނޑުގައި ރެޑް ބްލަޑް ސެލްސް އުފައްދަން އެހީވެދެއެވެ. މިއީ މާބަނޑު ދުވަސްވަރު އާންމުކޮށް ކުރިމަތިލާންޖެހޭ ދަގަނޑުގެ ބައި ދަށްވުމުގެ މައްސަލަތަކާ ދުރުކޮށްދޭނެ ކަމެއްވެސްމެއެވެ. ގަވައިދުން ފޯލިކް އެސިޑް ބޭނުންކުރުމަކީ ހަށިގަނޑުގައި ރެޑް ބްލަޑް ސެލްސް އެކުލެވޭ މިންވަރު އެއް ހަމައެއްގައި ހިފަހައްޓާލުމަށް އެހީވެދޭނެ ކަމެކެވެ.

ބޮޑެތި ބަލިތަކާ އައިބުތަކުން ދަރިފުޅު ސަލާމަތްކޮށްދޭ

މާބަނޑު ދުވަސްވަރު ގަވައިދުން ފޯލިކް އެސިޑް ބޭނުންކުރުމަކީ ކްލެފްޓް ލިޕް (މަތީ ތުންފަތް ފުރިހަމައަށް ނުއުފެދި ނޭފަތާ ދިމާލުން ހުހަށް ހުރުން) ފަދަ އައިބުތަކުން ދަރިފުޅު ސަލާމަތްވުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ. ހަމައެހެންމެ ދުވަސް ނުފުރާ ވިހެއުމާ، އެކަށީގެން މިންވަރަށް ބަނޑުތެރޭގައި ދަރިފުޅު ހެދިބޮޑުނުވުމާ، ބައިގެން ދިއުން ފަދަ ކަންކަމުންވެސް ސަލާމަތްވުމަށް އޮތް އެހީއެއްކަމުގައިވެއެވެ.

ފޯލިކް އެސިޑް ހޯދާނީ ކިހިނެއް؟

ޑޮކްޓަރީ ބޭހަށް ބަރޯސާވުމުގެ ބަދަލުގައި، ގުދުރަތީ ވަސީލަތްތަކުގެ އެހީގައިވެސް ހަށިގަނޑަށް ބޭނުންވާ ފޯލިކް އެސިޑް ހޯދިދާނެއެވެ. ފޯލިކް އެސިޑަކަށް ފެނަށް ގިރިގެންދާ މާއްދާއެއްކަމުން، ފޯލިކް އެސިޑް އެކުލެވޭ ކާބޯތަކެތި ބޭނުންކުރަން އެންމެ ރަނގަޅީ ރޮލާއެވެ. ނުވަތަ ވީހާވެސް ކުޑަކޮށް ފެނުކައްކާލައިގެންނެވެ.

ފޯލިކް އެސިޑް އެކުލެވޭ ބައެއް ކާބޯތަކެތީގެ ތެރޭގައި ފެނުކެއްކި ބޯވެލި ފަތާ ރޯ ބޯވެލިފަތް، ހުދު ހަނޑޫ އަދި އަވަކާޑޯ ފާހަގަކުރެވެއެވެ.