2 މިލިއަން ރުފިޔާއާ އެކު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ފަޔާ ރިލީފް އެކައުންޓް ބަންދުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ، މިދިޔަ މަހު 20 ވަނަ ދުވަހު، ހެންވޭރު ގެއެއްގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުޅުވި، ފަޔާ ރިލީފް އެކައުންޓް މިއަދު ހަވީރު 4 ޖެހުމުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި މި އެކައުންޓަށް 4 ޖެހުމާއި ހަމައަށް ޖަމާވެފައި ވަނީ 2،528،833.37 ރުފިޔާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ވަގުތީ އެހީތެރިކަމަށް އެދި 786 މީހަކު ވަނީ އެންޑީއެމްއޭ ގައި ރަޖިސްޓާ ކޮށްފައެވެ. އެގޮތުން އެންމެ ގިނައިން އެހީތެރިކަމަށް އެދިފައިވަނީ ދިވެހިންނެވެ. އެއީ 636 މީހެކެވެ. ދެވަނައަށް އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެ ގައުމުގެ 104 މީހަކު އެހީތެރިކަމަށް އެދި ރަޖިސްޓާ ކޮށްފައިވާއިރު ތިންވަނައަށް އެންމެ ގިނައީ އިންޑިއާ އަދި ނޭޕާލްގެ ރައްޔިތުންނެވެ. އިންޑިއާގެ 19 މީހަކު ރަޖިސްޓާ ކޮށްފައިވާއިރު ނޭޕާލްގެ 16 މީހަކު ވަނީ ރަޖިސްޓާ ކޮށްފައެވެ. މީގެއިތުރުން ފިލިޕީންސްގެ ހަ މީހަކާއި ސްރީލަންކާގެ ހަތަރު މީހެއްގެ އިތުރުން މިސްރުގެ އެއް ރައްޔިތަކު ވަނީ ވަގުތީ އެހީތެރިކަމަށް އެދި ރަޖިސްޓާ ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އާޅިއަށް ވެފައިވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަމާއި އެމްއެންޑީއެފާއި، ފުލުހުންނާއި، ސިޓީ ކައުންސިލްގެ އިތުރުން ޑިޒާސްޓާ މެނޭޖްމަންޓް އަދި އާންމުންގެ ފަރާތުން އެތައް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.