އަންނަ މަހު ސްރީލަންކާގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް އެގައުމުގެ މިހާރުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް އެދި ނަން ހުށަހެޅުއްވުމުގެ އެންމެ ފަހު ސުންގަޑި ހަމަވެ، އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ސިރިސޭނާ އިއުލާންކުރައްވާފައިވާއިރު، ސްރީލަންކާގެ ސިޔާސީ މަސްރަހަށް ނުފޫޒުގަދަ ރާޖަޕަކްސަ އާއިލާއިންވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނެ 2 ކެންޑިޑޭޓަކު ނެރެއްވާފައެވެ.

ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުއްވުމުގެ އެންމެ ފަހު ފުރުސަތު މިއަދު މެންދުރު 12 ޖެހިއިރު ހަމަވިއިރު 41 ފަރާތަކުންވަނީ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމަށް ޑިޕޮސިޓްފީ ދައްކަވާފައެވެ.

ކަންމިހެން އޮތުމުން ސްރީލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން، އިންތިހާބު އޮންނަ ދުވަހާ ޖެހިގެން އަންނަ ދުވަހު ސިރިސޭނާއަށް ސްރީލަންކާގެ ރިޔާސަތު ގެއްލޭނެއެވެ. މިއީ ރިޔާސީ 5 އަހަރު ދުވަހުގެ ދައުރުން 52 ދުވަހުގެ މުއްދަތަށް ސިރިސޭނާއަށް ގެއްލިގެންދާނެ ކަމެއްވެސްމެއެވެ.

ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ތަރުޖަމާނުވެސް ވަނީ، ކުރިއަށް އޮތް އިންތިހާބުގައި ސިރިސޭނާ ވާދަނުކުރައްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެއީ ކީއްވެކަމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ފާއިތުވެގެންދިޔަ އަހަރެއްހާ ދުވަހަކީ ސިރިސޭނާގެ ސިޔާސީ ހަޔާތްޕުޅުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ. އެގޮތުން ބޮޑުވަޒީރު ކަމުގެ މަގާމުގެ ވަރުގަދަ ކޯޅުމެއްގެ އިތުރުން، މިއަހަރުގެ ކުރީކޮޅު އެގައުމަށް އަމާޒުވި ވަރުގަދަ ޓެރަރިސްޓް ހަމަލާތަކުން ސްރީލަންކާއަށް އަދިވެސް އުޅެނީ މުޅިން އަރައިނުގަނެވިގެންނެވެ.

ސްރީލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ވޯޓު 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ. އަންނަ މަހު ސްރީލަންކާގައި އޮންނަ ރިޔާސީ އިންތިހާބުގައި، 15.99 މިލިއަން މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ.