މަހަށް ގޮސް އުޅެނިކޮށް، ލޮލަށް ބުޅިއެއް ހެރުގެން އެމްއެންޑީއެފުން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ މީހާ ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ.

ނައިފަރު ހޮސްޕިޓަލުން ބުނީ ބުޅި ހެރިފައި ހުރީ ކުޑަކޮށް ކަމަށާ ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައި ވާ ކަމަށެވެ.

ޅ.ދިއްފުށިމާދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް މަސްވެރިއެއްގެ ލޮލަށް ނުޅިއެއް ހެރިގެން އެމްއެންޑީއެފަށް ރިޕޯޓު ކުރުމުން އެމްއެންޑީއެފުން އެމީހާ ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްދިނީ ހެނދުނު 08:09 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ ބުޅި ހެރިފައި ހުރީ 'ހަނދުވަރީ' ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 42 އަހަރު ދިވެއްސެއްގެ ލޮލަށް ކަމަށެވެ.

ނައިފަރު ސިއްހީ މަރުކަޒުން "ދަ ޕްރެސް" އަށް މައުލޫމާތުދެމުން ބުނީ، އެނާގެ ހާލު ސީރިއަސް ނޫން ކަމަށާއި ލޮލުގެ މީހަކަށް ދެއްކުމަށް ލަފާ ދީފައިވާ ކަމަށެވެ.

ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފްގެ އެހީތެރިކަން ރައްޔިތުންނަށް ލިބެއެވެ. އެގޮތުން، މިދިޔަ ޖޫން މަހު، މަހަށް ގޮސް އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން މާލެ ގެންނަން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.