ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ދުއްވަން އިން ސައިކަލު ކަހާލައި އެކްސިޑެންޓެއް ހިނގައި ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

މެންބަރު ޔާސިރު ސައިކަލުން ކަހާލީ ރޭ ދަންވަރުގެ ވަގުތެއްގައި މާލެއިން ހުޅުމާލެއަށް ދިޔަ މަގުމަތީ ހުޅުލެއަށް ދިއުމަށް އަޅާ މަގު ކައިރީގައި ހުންނަ ޓްރެފިކް ލައިޓު ކައިރިންނެވެ. އެ ވަގުތަކީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ހެދިފައިވާ ވަގުތެކެވެ.

ޔާސިރަށް އެންމެ ބޮޑަށް އަނިޔާވީ ސައިކަލުން ކަހާލި ވަގުތު ފަހަތުން އައި ސައިކަލެއް ކޮންޓްރޯލް ނުވެ ޔާސިރުގެ ގައިމަތިން ލާފައި ދިއުމުންނެވެ. އެހެންކަމުން އޭނާގެ މެޔަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އެކްސިޑެންޓުގައި ޔާސިރުގެ ދަތްދޮޅިވެސް ވަނީ ފަޅައިގެން ގޮސްފައެވެ.

މި އެކްސިޑެންޓުގައި މެންބަރު ޔާސިރުގެ މޭ ކަށިކަނޑުން ހަތަރު ތަނެއް ބިންދައިގެން ގޮސްފައިވެއެވެ. ކަށިގަނޑުތައް އެކީ ވަކިވެފައި ނުވާތީ އޮޕަރޭޝަނެއް ކުރާކަށް ނުޖެހެއެވެ. އެހެންނަަމަވެސް ހަށިގަނޑުގެ އެތެރެއިން ލޭ އައުން ފަދަ ކަމެއް މެދުވެރިވާ ކަމަށްވާނަމަ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ޔާސިރު ފަރުވާ ހޯދަމުންދާ ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ.