މާލޭގައި ބޭނުންކުރާ 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ކެންސަލް ކޮށްފިއެވެ.

30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ކެންސަލް ކޮށްފައިވަނީ، މާލެ ސިޓީގައި ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައި ހުރިތޯ ބެލުމަށް ހިންގި ޕްރޮގްރާމްގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ 42 ބައުޒަރެއް ބަލާ ފާސްކޮށްފައެވެ.

މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މާލެ ސިޓީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ތެޔޮ ބައުޒަރުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާ ޗެކް ކޮށްފައިވެއެވެ. މި ބަލާފަސްކުރުމުގައި ސަލާމަތީ ގޮތުން ހުންނަށްޖެހޭ މިންގަނޑަށް ވުރެއް ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ވަނީ ކެންސަލްކޮށްފައިވާއިރު، އިތުރު 11 ތެޔޮ ބައުޒަރެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރުމަށް ހުއްދަ ދީފައިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ތެޔޮ ބައުޒަރެއް ބަލާ ފާސްކުރަނީ / ފޮޓޯ: އެމްއެންޑީއެފް

ތެޔޮ ބައުޒަރުތައް ބަލާ ފާސްކުރުމަށް ހިންގި މި ޕްރޮގްރާމްގައި ފާހަގަ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި އުޅަނދުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކޮށްފައި ނެތުމާއި ބައުޒަރަށް ބޭނުންވާ އަލިފާން ނިވިތައް ނެތުމާއި ވެހިކަލްގެ ކޮންޑިޝަން ރަނގަޅަށް ބަލަހައްޓާފައި ނެތުންފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މާލޭގައި ދުއްވާ ތެޔޮ ބައުޒަރުތައް ފާސް މި ކުރީ، ހުޅަނގު ހާބަރު ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 6 ތެޔޮ ބައުޒަރެއް އަނދައިގެން ދިއުމުންނެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހިނގި އެ ހާދިސާފައި 7 މީހަކު ފިހިގެން މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.