ގިރިފުށީ ޓްރޭނިން ސެންޓަރުގައި ތަމްރީނު ހަދަމުން ދިޔަ ސްޓާފް ސާޖަންޓް އަލީ ރިޔާޒް ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް (އެސްއެސްޖީޓީ) އަލީ ރިޔާޒް ނިޔާވެފައިވަނީ މިއަދު ހެނދުނު ކަމަށް އެންއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ، އެސްއެސްޖީޓީ އަލީ ރިޔާޒް މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓެއް ޖަހާފައިވާ ކަމަށެވެ. އަދި ހެނދުނު އެނބުރި ގިރިފުއްޓަށް ގޮސް، ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން ވެއްޓުނީ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އޭނާ ގައިން ވަރުދޫވެގެން ވެއްޓުނުތަނާހެން އިމަޖެންސީގައި މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ އޭޑީކޭގައެވެ.