މިދިޔަ ހޯމަ ދުވަހު މާލެ ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ލޯންޗުގައި ތިއްބާ ފިހުނު 3 މީހުންނަށާއި، ލަންގް ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް އެހީވުމަށް އއ. އުކުޅަހުގައި ހާއްސަ ކެމްޕޭނެއް ހިންގަމުން އެބަގެންދެއެވެ.

އުކުޅަހުގެ އެންމެހައި ރައްޔިތުންނާއި ހުރިހާ މުއައްސަސާތަކުން ބައިވެރިވެގެން ހިންގާ ފަންޑްރައިސް ކުރުމުގެ ހަރަކާތް ފެށީ މިއަދުއެވެ. މާދަމާގެ އިރު އޮށްސި 6 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވާ މި ހަރަކާތުގައި ރަށު ރައްޔިތުން އަމާޒު ހިފާފައި ވަނީ 1 ލައްކައަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށެވެ.

"ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފަންޑްރައިސް ހަރަކާތުގެ އޯގަނައިޒިން ކޮމެޓީގައި ހިމެނޭ އެއްބޭފުޅެއް ކަމުގައިވާ، އުކުޅަހު ހެލްތް ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު ވިދާޅުވީ، އެ މަސައްކަތުގައި ރަށުގެ ކުދިބޮށު އެންމެން ބައިވެރިވާ ކަމަށެވެ.

"ބައިވެރި ނުވާ މީހަކު ނުހުންނާނެ، ކުދިބޮޑު އެންމެން ބައިވެރިވޭ، ހުރިހާ އޮފީސްތަކުން ބައިވެރިވޭ، އަމާޒަކީ 1 ލައްކައަށް ވުރެ ބޮޑު އަދަދެއް ހޯދާ ހަދިޔާ ކުރުން"
ސައީދު

ސައީދު ވިދާޅުވީ، ފަންޑްރައިސް ކުރުމުގެ އެ ހަރަކާތް ހިންގައިގެން ލިބޭ ހުރިހާ ފައިސާއެއް އެ ހަތަރު މީހުންނަށް އެއްވަރަށް ބަހާނީ ކަމަށެވެ. ހާބަރުގައި ހިނގި އަލިފާނުގައި ހާދިސާގައި ފިހުނު މީހުންގެ ތެރޭގައި ހިމެނޭ 3 މީހުން ކުރެ މިހާރުވެސް އައިސީޔޫގައި އޮތީ ލޯންޗް ފަޅުވެރިއެކެވެ. އަދި އިތުރު ދެމީހުން މިހާރުވެސް ވޯޑުގައި އެޑްމިޓްކޮށްފައި އެބަ ތިއްބެވެ. އަދި ކެންސަރު ބަލީގައި އުޅޭ މީހާ މިވަގުތު ވީ، ސަރުކާރާއި ބައެއް ފަރާތްތަކުގެ އެހީގައި ފަރުވާއަށް ބޭރަށް ފުރާފައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ލޯންޗް ހާދިސާގައި ފިހުނު 3 މީހުނާއި އިތުރު ބަލި މީހަކަށް އެހީވުމަށް އއ އުކުޅަހު ރައްޔިތުން ހިންގާ ހާއްސަ ހަރަކާތް / ފޮޓޯ: އަބްދުﷲ ސައީދު | އއ އުކުޅަސް

ސައީދު ވިދާޅުވީ ފަންޑުރައިސް ކުރުމުގެ އެ ހަރަކާތުގައި އުކުޅަހުގައި ހުންނަ ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުންނާއި ސަރުކާރު ކުންފުނީގެ މުވައްޒަރުންގެ 1 ދުވަހުގެ މުސާރަ އާއި ސްޓެލްކޯއާއި ކައުންސިލްގައި ހިމެނޭ ކޮންމެ މުވައްޒަފަކު 500 ރުފިޔާގެ އިތުރުން އުކުޅަހު ކްލަބުން 5 ހާސް ރުފިޔާ ހަދިޔާ ކޮށްފައި ވާހަކަށެވެ.

ލޯންޗް ހާދިސާގައި ފިހުނު 3 މީހުނާއި އިތުރު ބަލި މީހަކަށް އެހީވުމަށް އއ އުކުޅަހު ރައްޔިތުން ހިންގާ ހާއްސަ ހަރަކާތް / ފޮޓޯ: އަބްދުﷲ ސައީދު | އއ އުކުޅަސް

"މިއަދު ކުރިއަށް ގެންދިޔައީ ހެދިކާ ވިއްކުމުގެ ހަރަކާތެއް، އެއީ ރަށް ދެ ފަޅިއަށް ބަހާލައިފައި، އެއް ފަޅިން ހެދިކާ ހަދައިގެން ގެނައިމައި އަނެއް ފަޅިން ނުކުމެ ހެދިކާ ގަނެގެން ސައި ބުއިން، އެކަމުން މިއަދު ލިބުނު 14 ހާހަށް ވުރެ ގިނައިން" ފަންޑްރައިސް ކުރަން މިއަދު ހިންގި ހަރަކާތާ ގުޅޭ ގޮތުން ސައީދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މާދަމާވެސް ހެދިކާއާއި ސައި އޮންނާނެ ކަމަށާ، މާދަމާ ހެދިކާ ހަދާނީ އަނެއް ފަޅިން ކަމަށެވެ.

އޭގެ އިތުރުން މާދަމާ މަސްވެރިން ހިބަރު މަހަށް ދާނެ ކަމަށާ، އެކަމުން ލިބޭ ހުރިހާ ފައިސާއެއްވެސް ހަދިޔާ ކުރާނީ އެ ފަންޑަށް ކަމަށް އޭނާ ވިދާލުވިއެވެ. އަދި ގެސްޓްހައުސްތަކާއި ވިޔަފާރިތަކުންވެސް ފަންޑްރައިސް ކުރަމުން ދާ ކަމަށާއި މާދަމާ ހަރަކާތް ނިންމާލާ އިރު ރަނގަޅު އަދަދެއްގެ ފައިސާ ލިބޭނެ ކަމަށް ގަބޫލު ކުރައްވާކަމުގައި ސައީދު ވިދާޅުވިއެވެ.