އަންހެނުން ބާރުވެރި ކުރުވުމަކީ، ދިގު މުއްދަތެއްގެ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ، މަސައްކަތްތެރި މައިންނާއި އަންހެން ކަނބަލުންގެ މަސައްކަތްތެރިކަން ދައްކާލުމަށް ބާއްވާ "މަމްސް އެކްސްޕޯ 2019" އިފްތިތާހު ކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ "މަމްސް" ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒު ކުރިއަށްދަނީ ބިލަބޮން އިންޓަނޭޝަނަލް ސްކޫލްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވަނީ "މަމްސް" ޖަމްއިއްޔާއިން އިސްނަގައިގެން ކުރަމުން ގެންދާ ފައިދާހުރި މަސައްކަތްތައް ފާހަގަކުރައްވާ، ހުރިހާ މައިންނަށް، އަދި ހާއްސަކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މައިންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެކަމަނާ ވަނީ އަންހެނުން ބާރުވެރިކުރުވުމަކީ، ދިގު މުއްދަތެއްގެ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މެޑަމް ފަޒްނާ ވިދާޅުވީ، ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމު ކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުދިން ބޮޑުކުރުމުގައި ވެސް ތިމާވެއްޓާއި ރަހުމަތްތެރި، އަދި އިސްރާފުވުން ކުޑަވާނެ ގޮތްތައް އިހުތިޔާރު ކުރުމަކީ، ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެކަމަނާ ވަނީ މައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި "މަމްސް" ޖަމްއިއްޔާއިން އިސްނަގައިގެން ހަދާފައިވާ "ފެމިލީ ޓު ފެމިލީ ފަންޑް" ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައެވެ.
"މަމްސް އެކްސްޕޯ" އަކީ މަސައްކަތެރި މައިންނާއި، އަންހެން ކަނބަލުންގެ މަސައްކަތްތައް ދައްކުވައިދޭ މައުރަޒެކެވެ. މަމްސް ޖަމްއިއްޔާއިން މިފަދަ މައުރަޒެއް އިންތިޒާމު ކުރުމުގެ މައިގަނޑު މަގްސަދަކީ، އަންހެނުން ބާރުވެރިކުރުމާއި، ވިޔަފާރި ފުޅާކުރަން އެހީތެރިވެ ދިނުމާއި، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް މައިންނަށް ފުރުސަތު ފަހިކޮށްދީ، އަންހެނުން ބާރުވެރި ކުރުވުމެވެ.