މާފަންމު އާސަހަރާގެ މަހާނައެއްގެ މަތީގައި ކުޑަ ސަންދޯކެއް ވަޅުލައިފައި އޮއްވާ ފެނިއްޖެއެވެ. މިއަދު ހުކުރަށް ފަހު މީހަކު އޭނާގެ އާއިލާގެ މީހެއްގެ ސަންދޯކަށް ޒިޔާރަތް ކުރި އިރު ފަސްގަނޑު ހާވާފައި ހުރުމުން ޖަމާއަތްތެރިންގެ އެހީގައި ބެލި އިރު ފެނުނީ ކުޑަ ސަންދޯކެއް ކަމަށް އެމީހާ ބުނެފައި ވެއެވެ.
ފޭސްބްކުގައި އޭނާ ކުރި ޕޯސްޓުގައި ބުނީ ޖަމާއަތްތެރިން މަހާނަ ކުޑަކޮށް ކޮނެލި އިރު ފެނުނީ ކުޑަވަރެއްގެ ސަންދޯކެއް ވަޅުލައިފައި އޮއްވާ ކަމަށެެވެ. އަދި އެ ސަންދޯކުގެ މަތި ނަގާފައި ވެލި އިރު އޭގެ ތެރޭގައި އޮތީ ކަފަ އަޅާ ބަންދު ކޮށްފައި އޮތް ސިހުރެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ރިޕޯޓު ކުރުމާ ގުޅިގެން ބަލަމުން ގެންދަ ކަމަށެވެ.
ދާދި ފަހުން މާފަންނު ސަހަރާއަށް ބަޔަކު ވަދެގެން އުޅެނިކޮށް ފެނިގެން ފުލުހުން ހުއްޓުވާފައިވެސް ވެއެވެ. އެ ހާދިސާގައި ހަރަކާތަތެރިވީ ދިވެހި ފިރިހެނުންނެވެ.
ސިހުރު ހާހޫރައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. ދޭތެރެ ދޭތެރެއިން އެފަދަ މައްސަލަތައް ފެންމަތިވެ، ދިހުރު ހަދަން ގެންގުޅޭ ތަކެތި ފުލުހުން އަތުލާފައިވެސް އެބަހުއްޓެވެ. އަދި ސިހުރު ހަދާކަމަށް ބުނާ ބައެއް މީހުން އާންމު ރައްޔިތުން ނުކުމެ ހިފަހައްޓާ އިއުތިރާފު ކުރުވާފައިވެސް އެބަހުއްޓެވެ.