އަނެއްކާވެސް ވެމްކޯ ވެހިކަލެއްގައި އޮތް ކުނި ކޮތަޅެއްގައި ރޯވެއްޖެއެވެ.

ވެމްކޯ ވެހިކަލެއްގެ ތެރެގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މިއަދު 16:51 ހާއިރު އެޕޯލޯ ހާޑްވެއާ ކުރިމަތީ އޮތް ވެމްކޯ ވެހިކަލް ތެރެއިިން ދުން އަރާތީ ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން ސީން އަށް ދިޔައިރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ރޯވެފައިވަނީ ވެހިކަލް ތެރޭގައި ހުރި ކުނި ކޮތަޅުތަކެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ވެމްކޯ ވެހިކަލް ތެރޭގައި ހުރި ކުނި ކޮތަޅުތަކެއްގައި ރޯވުމުގެ ސަބަބުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.

މީގެ ކުރިންވެސް ވެމްކޯ ވެހިކަލެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެގޮތުން، މާރުކޭޓު ސަރަހައްދުގައި ވޭމްކޯ ކުނި ލޮރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ވީޑިއޯއެއް ވެސް އޭރު އާންމު ވިއެވެ. އެ ވީޑިއޯއިން ފެނުނު ގޮތުގައި ރޯވެފައި ހުރީ ލޮރީގެ އެތެރޭގައި ހުރި ކުނި ތަކުގައެވެ.

ވޭމްކޯގެ ކުނި ލޮރީ ތަކަކީ އާންމުކޮށް ކާރުބާރު ބޮޑު ވަގުތުތަކުގައި އަދި ކާރޫބާރު ބޮޑު މަގުތަކުގައި ކުނި ނެގުމަށް އެތައް އިރަކު މަޑުކޮށްގެން އޮންނަ ލޮރީތަކެކެވެ. ސަލާމަތީ ފިޔަވަޅުތައް ލޮރީތަކުގައި ގާއިމުވެފައި ހުރުމަކީ މުހިންމު ކަމެކެވެ.