މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ސަރުކާރުގެ މަގާމުތަކުގައި ތިބި ކަމަށް ވާނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ގާބިލްކަން ސަރުކާރުގައި ހުރިތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.

ތުލުސްދޫ ދާއިރާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުލުސްދޫގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިސްލާމީ ވަލީއުލްއަމްރެއްގެ އެންމެ އިސް ވާޖިބަކަށް ވާންވާނީ ގައުމުގައި އޮންނަނީ އިސްލާމް ދީން ކަމާއި އިސްލާމް ދީނާ ހިލާފު ކަންކަން ކުރާ ކަމަށް ވާނަ އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ބަޔަކު މީހުންނަށް ފަރުދީ މިނިވަން ކަމެއް ދީގެން އިސްލާމް ދީނަށް ފުރައްސާރަ ކޮށް މަލާމާތް ކުރާތަން އިސްލާމީ ވެރިކަމެއްގައި ބަަލަން ތިބިގެން ނުވާނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދޫކޮށްލަމުން ދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ ޕީޕީއެމްއާއި ޕީއެންސީގެ ފިކުރު ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދީނާ ދެކޮޅަށް ކުރެވޭ ކަންކަމަކީ ފަރުދީ ކަންކަމުގެ ގޮތުގައި ސަރުކާރުން ބަލައިގަނެގެން ނުވާނެ ކަމަށެވެ. އިސްލާމީ ގައުމެއްގައި ހުޅަނގުގެ ޑިމޮކްރަސީ "ކޮށާ މަށަން" ޖެހެނީ ސަބަބުތަކެއް އޮވެގެން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"މިއަދުގެ ސަރުކާރަށް މިކަންކަން ކުރުމުގައި ކިހާވަރެއްގެ ގާބިލް ކަމެއް ހުރިތޯ އަހާލަން އެބަޖެހޭ. އެއްވެސް މުއައްސަސާއަކީ އޭގެ ޒާތުގައި ވުޖޫދު ވާނެ އެއްޗެއް ނޫން. އެއީ އެއްކަމަކަށް ތަބާވާނެ ބަޔަކު އެކުވެގެން އުފައްދާ މުއައްސަސާއެއް. ފުލުހުން ކުރަންޖެހޭ ފުރަތަމަވެސް ކަމަކީ މި އުފެއްދީ ކީއްކުރަންތޯ. މި އުފެއްދި އިރު އިސްކޮށް ތިބީ ކޮން ބައެއްތޯ. އެމީހުން މިއަދު ތިބީ މި ސަރުކާރު ތެރޭގައިތޯ. މި ސަރުކާރުގައި ތިބި ކަމަށް ވާނަމަ ސަރުކާރުގެ ކެތްތެރިކަން ނުވަތަ ސަރުކާރުގެ ފުދުންތެރިކަން އެބަހުރިތޯ އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅާފައި މައްސަލަ ބަލަން،" އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަގުތުން ވަގުތަށް އެ މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުމުން އެކަމަށް މަރުހަބާ ވިދާޅުވެ އިސްލާމިކް މިނިސްޓްރީގެ އެ ނިންމުމަށް ތައުރީފު ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ތެރެއިން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުނަގާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމްޑީއެންއަށް ފާޑުކިޔަމުން ރައީސް ޔާމީން ވަނީ އެ ޖަމިއްޔާއަކީ ފެށުނީއްސުރެ އިސްލާމްދީނާ ދެކޮޅު ފިކުރު ގެންގުޅޭ ބައެއް ކަމަށެވެ.

ރައީސް ޔާމީން ވަނީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލައާ އަދި އެ ޖަމިއްޔާގެ އަޑީގައި ތިބި ފަރާތްތައް މި ސަރުކާރަށް ހޯދޭނެތޯ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.