ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ހެޔޮ ވެރިކަމުގެ ދަށުން ކޮރަޕްޝަން ނައްތާލުމަށް މުހިންމު ކަންތައްތަކެއް ކަނޑައަޅާފައި ވެއެވެ.

ހަތް ދާއިރާއަކަށް ބެހިގެން އަންނަ ހެޔޮ ވެރިކަމަކީ، މި ޕްލޭން ބިނާވެގެންވާ މައިގަނޑު ފަސް ކަމުގެ ތެރެއިން އެއް ކަމެވެ. ހެޔޮ ވެރިކަމުގެ ދަށުން ހާސިލު ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ 42 ކަމެކެވެ. ސަރުކާރުގެ ފަސް އަހަރުގެ ދައުރަށް މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއި، އެކަންތައް ކުރާނެ ތާރީހާއި، އިތުރު ތަފްސީލުތަކާ އެކު އެކުލަވާލާފައިވާ ޕްލޭން އިފްތިތާހު ކޮށްފައިވަނީ ރެއެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ހެޔޮ ވެރިކަމުގައި ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަކީ:

ގާނޫނުގެ ހުކޫމަތު ދެމެހެއްޓުމަށްޓަކައި ޝަރުއީ ދާއިރާ އިސްލާހު ކުރުން

ގާނޫނުގެ ހުކޫމަތު ދެމެހެއްޓުމަށްޓަކައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ 10 ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ހަތް ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ތިން ކަމެއް ހިމެނެއެވެ.

ދިވެހިރާއްޛޭގެ ސުޕްރީމް ކޯޓު / ފޮޓޯ: ދަޕްރެސް

މި ދާއިރާއިން 2021 ވަނަ އަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ޖުވެނައިލް ޑިޓެންޝަން އަދި ރީހެބިލިޓޭޝަން ފެސިލިޓީއެއްގެ ހިދުމަތް ދޭން ފެށުމާއި، ގާނޫނު ކިޔަވައިދޭ ހުރިހާ ތަނެއްގައި އާ ކަރިކިއުލަމަށް އަމަލު ކުރަން ފެށުމުގެ އިތުރުން ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލާ ނިންމުން ހިމެނެއެވެ.

ގާނޫނުގެ ހުކޫމަތު ދެމެހެއްޓުމަށްޓަކައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ދާއިރާއިން 2023 ވަނަ އަހަރު ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ހުރިހާ ފަނޑިޔާރުންގެ މާލީ ބަޔާން މަދުވެގެން އެއްފަހަރު އާންމު ކުރުމާއި، އިންތިގާލީ އަދާލަތުގެ ނިޒާމަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މައްސަލަތަކަށް ހައްލެއް ލިބިިފައިވުމާއި، މަދުވެގެން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޑިސްޓްރިކްޓް ކޯޓު ގާއިމް ކުރުމުގެ އިތުރުން މީހާރު ހުރި ޖަލުތަކުގައި ތިބި ގައިދީންގެ އަދަދު 2018 ވަނަ އަހަރާ އަޅާބަލާއިރު މަދުވެގެން 20 ޕަސެންޓް މަދުވެފައިވުން ހިމެނެއެވެ.

އަދި ރީހިބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވާ ގައިދީންގެ އަދަދު 2018 ވަނަ އަހަރާ އަޅާބަލާއިރު މަދުވެގެން 50 ޕަސެންޓަ އިތުރު ކުރުމާއި، ރީހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ކުޑަކުދިންގެ ތެރެއިން މަދުވެގެން 50 ޕަސެންޓް ކުދިންނަކީ އަނބުރަ މުޖުތަމައަށް އަންނަ ބަޔަކަށް ހެދުމުގެ އިތުރުން، ރީހިބިލިޓޭޝަން ޕްރޮގްރާމްގައި ބަިއވެރިވާ ގައިދީންގެ ތެރެއިން މަދުވެގެން 50 ޕަސެންޓް މީހުންނަކީ އަނބުރާ މުޖުތަމައަށް އަންނަ ބަޔަކަށް ހެދުމަށް ވެސް ގާނޫނުގެ ހުކޫމަތު ދެމެހެއްޓުމަށްޓަކައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ދާއިރާއިން ހާސިލު ކުރުމަށް ކަނޑައަޅާފައިވެއެވެ.

ގައުމީ ސަލާމަތާއި އާންމުންގެ ރައްކާތެރިކަން

ގައުމީ ސަލާމަތާއި އާންމުންގެ ރައްކާތެރިކަމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތް ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ހަ ކަމަކާއި 2020 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއް ހިމެނެއެވެ.

އެމްއެޑީއެފް އަދި ފުލުހުން ގުޅިގެން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މި ދާއިރާއިން 2020 ވަނަ އަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަކީ، ޑީރެޑިކަލައިޒޭޝަން އާއި ރީހިބިލިޓޭޝަން ޕްރޮގްރާމް ހިންގާ މަދުވެގެން އެއް ތަން ގާއިމް ކުރުމެވެ.

ގައުމީ ސަލާމަތާއި އާންމުންގެ ރައްކާތެރިކަމުގެ ދާއިރާއިން 2023 ވަނަ އަހަރަށް ނިންމުމަށް ކަނޑައާޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އާލީ އިންޓާވެންޝަން ޕްރޮގްރާމްތަކުގެ ސަބަބުން މުޖުތަމައަށް ގެނެވޭ މީހުންގެ އަދަދު ކޮންމެ އަހަރަކު 20 ޕަސެންޓް އިތުރު ކުރުމާއި، ސަލާމަތީ ހިދުމަތްތަކާމެދު މީހުން ދެކޭ ގޮތް 2018 ވަނަ އަހަރާ އަޅާބަލާއިރު 25 ޕަސެންޓް ރަނގަޅު ކުރުމުގެ އިތުރުން ހުރިހާ ޕޮލިސް އޮފިސަރުންނަށް އެތިކްސް، ހިއުމަސް ރައިޓްސް އަދި ގާނޫނުގެ ހުކޫމަތާ ގުޅޭ ތަމްރީނުތައް ދިނުން ހިމެނެއެވެ.

އަދި ފުލުހުންގެ ހިދުމަތުގައި އުޅޭ އަންހެނުންގެ ނިސްބަތް 2018 ވަނަ އަހަރާ އަޅާބަލާއިރު 25 ޕަސެންޓް އިތުރުވުމާއި، ފުލުހުންނާއިމެދު އާންމުން ދެކޭ ގޮތް 2018 ވަނަ އަހަރާ އަޅާބަލާއިރު 25 ޕަސެންޓް އިތުރުކުރުމުގެ އިތުރުން މަގުމަތީގެ އެކްސިޑެންޓްތައް 2018 ވަނަ އަހަރާ އަޅާބަލާއިރު 30 ޕަސެންޓް މަދުކުރެވި މަގުމަތީގެ އެކްސިޑެންޓްތަކުގައި މީހުން މަރުވާ އަދަދު 2018 ވަނަ އަހަރާ އަޅާބަލާއިރު 50 ޕަސެންޓް މަދުކުރުން ވެސް މި ދާއިރާއިން ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮރަޕްޝަން ނައްތާލުން

ކޮރަޕްޝަން ނައްތާލުމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ތިން ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއް ހިމެނެއެވެ.

ރިޝްވަތުގެ ގޮތުގައި ފައިސާތަކެއް ދެނީ / ފޮޓޯ: ނިއުސްބުކް

މި ދާއިރާއިން 2021 ވަނަ އަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަކީ، އިންޓަގްރިޓީ އޮފިސަރުން ކަނޑައަޅާ އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރަން ފެށުމެވެ.

ކޮރަޕްޝަން ނައްތާލުމުގެ ދާއިރާއިން 2023 ވަނަ އަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އޮތް މިންވަރު 2018 ވަނަ އަހަރާ އަޅާބަލާއިރު 50 ޕަސެންޓް ކުރިއެރުވުމާއި، މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާ ގުޅިގެން އާންމުން މައްސަލަ ހުށަހަޅާނެ އިފެކްޓިވް ނިޒާމެއް ގާއިމް ކުރުމުގެ އިތުރުން މާލީ ބަޔާން ހާމަކުރުމަށް ގާނޫނުން ލާޒިމުކުރާ ހުރިހާ ޕަބްލިކް އޮފިޝަލުންގެ މާލީ ބަޔާން މަދުވެގެން އެއް ފަހަރު އާންމު ކުރުން ހިމެނެއެވެ.

ޖަވާބުދާރީ ކުރުވަނިވި ދައުލަތް

ޖަވާބުދާރީ ކުރުވަނިވި ދައުލަތުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ އަށް ކަމެކެވެ. އެ އަށް ކަމަކީ ވެސް 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

ރިޟްވާން މައްސަލައިގައި ތައްޔާރު ކުރި ރިޕޯޓުތަކުގެ ތެރެއިން ރައީސް އަށް ލިބިވަޑައިގެންނެވި ރިޕޯޓުގެ ކޮޕީ ރައިސް އިބްރަހިމް މުހައްމަދު ސޯލިހު ނޫސްވެރިންނަށް ދައްކަވާލައްވަނީ

މި ދާއިރާއިން 2013 ވަނަ އަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުންތައް ކޮންމެ އަހަރަކު 25 ޕަސެންޓް އިތުރުކުރުމައި، ރާއްޖެއިން އޯޕަން ގަވަމަންޓް ޕާޓްނާޝިޕާ ގުޅުމާއި، ހުރިހާ ސަރުކާރު ކުންފުންޏަކުން ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރަން ފެށުމުގެ އިތުރުން ނޫސްވެރިންނާއި މީޑިއާތަކަށް ނުފޫޒު ފޯރުވުމާއި ބިރުދެއްކުމާއި ގުޅޭ މައްސަލަތައް މަދުވެގެން 50 ޕަސެންޓް މަދުކުރުން ހިމެނެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި ހުރިހާ މެންބަރުންގެ މާލީ ބަޔާން މަދުވެެގން އެއް ފަހަރު އާންމު ކުރުމާއި، ފާސްކުރެވޭ ގާނޫނުތަކުގެ ތެރެއިން 75 ޕަސެންޓަކީ ރައްޔިތުންގެ ހިޔާލު ވަކިން ހޯދައިގެން ފާސްކުރެވޭ ގާނޫނުތަކަށް ހެދުމާއި ދައުލަތުގެ ދަރަނި މެނޭޖްކުރުން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްތެދު ކުރުމުގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީއަކުން އިލެކްޝަން ކޮމިޝަނަށް އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހުށަހެޅުން ވެސް ޖަވާބުދާރީ ކުރުވަނިވި ދައުލަތުގެ ދާއިރާއިން ހާސިލުކުރުމަށް ކަނޑައަޅާފައުވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

މިނިވަން މުއައްސަސާތަކާއި ޕަބްލިކް ސާވިސް އިސްލާހު ކުރުން

މިނިވަން މުއައްސަސާތަކާއި ޕަބްލިކް ސާވިސް އިސްލާހު ކުރުމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ފަސް ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ހަތަރު ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއް ހިމެނެއެވެ.

މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުން/ ފޮޓޯ: މަޖިލިސް އިދާރާ

މި ދާއިރާއިން 2021 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ ކަމަކީ، ހުރިހާ މިނިވަން މުއައްސަސާއެއްގައި ޒިންމާދާރު ކޮމްޕްލަޔަންސް އޮފިސަރުން ތިބުމެވެ.

މިނިވަން މުއައްސަސާތަކާއި ޕަބްލިކް ސާވިސް އިސްލާހު ކުރުމުގެ ދާއިރާއިން 2023 ވަނަ އަރަށް ނިންމަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓްތަކުން މަދުވެގެން 70 ޕަސެންޓް މަޖިލީހުގެ ކަމާބެހޭ ކޮމިޓީިން ދިރާސާކުރުމާއި، ސެންޓްރަލައިޒްޑް އިންޓެގްރޭޓެޑް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމެއް ބޭނުން ކުރަން ފެށުމުގެ އިތުރުން ޕަބްލިކް ސާވިސް ޑެލިވަރީއަށް އާންމުން ކުރާ އިތުބާރު 2018 ވަނަ އަހަރާ އަޅާބަލާއިރު މަދުެވގެން 25 ޕަސެންޓް ރަނގަޅު ކުރެވިފައިވުން އަދި ނެޝަނަލް ޕޭ ކޮމިޝަނުގެ އިރުޝާދާއި އެކު ގާބިލުކަމަށް ބަލައި އުޖޫރަ ދެވޭ މިންގަނޑެއް ޕަބްލިކް ސާވިސްގައި ތައާރަފް ކުރުން ހިމެނެއެވެ.

މިންތީގެ ހަމަހަމަކަން

މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ތިން ކަމެކެވެ. އެ ތިން ކަމަކީ ވެސް 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

ބީއެމްއެލް މުވައްޒަފުންނާއި ގެމަނަފުށީގެ އަންހެނުން ގެ މަސްދަތުރުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

މި ދާއިރާއިން 2023 ވަނަ އަހަރަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ހަރަކާތްތެރިވާ މީހުންގެ ތެރެއިން މަދުވެގެން 25 ޕަސެންޓް މީހުންނަނީ އަންހެނުން ކަމަށް ހެދުމާއި، ގެވެށި އަނިޔާ ލިބިފަިއވާ މީހުންގެ ތެރެއިިން މާލީ އެހީ ބޭނުންވާ ހުރިހާ އެންމެންނަށް އިމަޖެންސީ ފަންޑުން އެހީތެރިކަން ލިބުން ހިމެނެއެވެ.

އަދި ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓަރުތަކުން ފޫރުވައިދޭ ވިޔަފާރީގެ ތަމްރީނުތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން މަދުވެގެން 50 ޕަސެންޓް މީހުންނަކީ އަންހެނުންނަށް ހެދުމަކީ ވެސް މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން ކުރުމަށް ނިންމާފައިވާ ކަމެކެވެ.

ހާރިޖިއްޔާ

ހާރިޖިއްޔާގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ފަސް ކަމެކެވެ. އެ ފަސް ކަމަކީ ވެސް 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި / ފޮޓޯ: ފޮރިން މިނިސްޓްރީ

މި ދާއިރާއިން 2023 ވަނަ އަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ސަރަހައްދީ ނަޒާހާތްތެރިކަމާ އިސްތިގުލާލު ހިމާޔަތްކުރުމަށްޓަކައި ދޭދޭ ގުޅުންތަކާ ދެ ގައުމަށްވުރެ ގިނަ ގައުމު ބައިވެރިވާ ގުޅުންތައް ބަދަހިކޮށް ހަރުދަނާކުރުމާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ އިތުރުން ވިޔަފާރިއާއި އިގުތިސޯދީ ޑިޕްލޮމަސީ (ދޭދޭ ގުޅުން) ހަރުދަނާކުރުން ހިމެނެއެވެ.

އަދި ގައުމުން ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ހާރިޖިއްޔާއަށް ހާއްސަކުރެވިފައިވާ ހިދުމަތްތައް ފޯރުކޮށްދިނުން ވެސް ހާރިޖިއްޔާގެ ދާއިރާއިން ނިންމުމަށް ކަނޑައަޅާފައިިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.