އިއްޔެ ރޭ އިފްތިތާހު ކުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ޖަޒީރާ ދިރިއުޅުމުގެ ދަށުން 41 ކަމެއް ހާސިލު ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މައިގަނޑު ފަސް ކަމެއްގެ މައްޗަށް ބިނާކޮށް އެކުލަވާލި މި ޕްލޭނަކީ، ސަރުކާރުގެ ފަސް އަހަރުގެ ދައުރަށް މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއި، އެކަންތައް ކުރާނެ ތާރީހާއި، އިތުރު ތަފްސީލުތަކާ އެކު އެކުލަވާލާފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލާފައި ވަނީ، ޖަޒީރާ ދިރިއުޅުން، ހެޔޮ ވެރިކަން، ފަހުރުވެރި އާއިލާގެ އިތުރުން އޯގާތެރި ސަރުކާރު އަދި ނޫ އިގްތިސޯދުގެ މައްޗަށެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ޖަޒީރާ ދިރިއުޅުމުގައި ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަކީ:

ލާމަރުކަޒުކުރުން

ލާމަރުކަޒުކުރުމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަ ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ހަތަރު ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމަކާއި، 2020 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަމެއް ހިމެނެއެވެ.

މާލެ އިން ފުރައިގެން ދަމުން ނަގާފައިވާ ފޮޓޯ އެއް / ފޮޓޯ: ސޯޝަލް މީޑިއާ

ލާމަރުކަޒުކުރުމުގެ ދާއިރާއިން 2020 ވަނަ އަހަރު ނިންމުމަށް ކަނޑައަޅާފައިވާ ކަމެއްގެ ގޮތުގައި، މަދުވެގެން ތިންބައި ކުޅަ އެއްބައި ކައުންސިލަރުންނަކީ އަންހެނުން ކަމުގައި ހެދުމަށް ކަނޑައަޅާފައިވެއެވެ. އަދި 2021 ވަނަ އަހަރަށް ހުރިހާ ރަށު އަދި އަތޮޅު ފެންވަރުގެ ތަރައްގީ ކުރުމުގެ ޕްލޭންތައް އެސްއޭޕީ އަށް އެންޑީޕީ އަށް ފެތޭ ގޮތަށް ހެދުމަށް ކަނޑައަޅާފައިވެއެވެ.

މި ދާއިރާއިން 2023 ވަނަ އަހަރަށް ހާސިލު ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހުރިހާ ކައުންސިލަކުން މަދުވެގެން އަހަރަކު ތިން ފަހަރު ޓައުން ހޯލް ބައްދަލުވުން ބޭއްވިފައިވުމާއި، މަދުވެގެން 80 ޕަސެންޓް ކައުންސިލްތައް އޮޑިޓްކުރެވި އަދި އޭގެ ތެރެއިން 90 ޕަސެންޓް ކައުންސިލުން އެ އޮޑިޓްގެ ހުށަހެޅުންތައް ތަންފީޒުކޮށްފައިވުމުގެ އިތުރުން ހުރިހާ ލޯކަލް ކައުންސިލްތަކޔން ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކުގެ ހިންގުމުގައި ބައިވެރިވެފައިވުން ހިމެނެއެވެ. އަދި ކައުންސިލްތަކުގެ އާމްދަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު އެވްރެޖް ގޮތެއްގައި 70 ޕަސެންޓް އިތުރުވެފައިވުން ވެސް މި ދާއިރާއިން ހާސިލު ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ދަތުރުފަތުރު

ދަތުރުފަތުރުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އެ ހަތަރު ކަމަކީ ވެސް 2023 ވަނަ އަހަރަށް ނިންމުމަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

މޯލްޑިވިއަންގެ ފްލައިޓެއް / ފޮޓޯ: ސޯޝަލް މީޑިއާ

މި ދާއިރާއިން 2023 ވަނަ އަހަރަށް ނިންމުމަށް މުއްދަތު ޖަހާފައިވާ ކަންތައްތަކުގެ ތެރޭގައި، މާލޭގައި ދުއްވާތަކެތީގެ ސަބަބުން ކުރިމަތިވާ ތޮށްޖެހުން 2018 ވަނަ އަހަރާއި އަޅާބަލާއިރު 30 ޕަސެންޓް މަދުވެފައިވުމާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެންމެ އެކަށޭނެ ފެރީގެ ހިދުމަތެއް ފޯރުކޮށްދެވިަފއިވުމުގެ އިތުރުން ގްރޭޓާ މާލޭގެ އާބާދީގެ މަދުވެގެން 60 ޕަސެންޓް އާންމު ދަތުރުފަތުރު ކުރުމުގެ ހިދުމަތްތަކުގެ ބޭނުން ހިފާފައިވުން ހިމެނެއެވެ. އަދި ރާއްޖޭގެ އާބާދީގެ 90 ޕަސެންޓަށް ސްޕީޑް ބޯޓެއްގައި ދަތުރުކޮށްގެން 30 މިނެޓުން ވާސިލުވެވޭނެ ގޮތަށް ވައިގެ މަގިން ދަތުރުކުރުމުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ވެސް ދަތުރުފަތުރުގެ ދާއިރާއިން ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.

ތިމާވެށި ހިމާޔަތް ކުރުމާއި ރައްކާތެރިކުރުން

ތިމާވެށި ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ދެ ކަމަކާއި 2022 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމަކާއި، 2020 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަމެއް ހިމެނެއެވެ. އަދި މީގެ އިތުރުން 2025 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަމެއް ވެސް ތިމާވެށި ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމުގެ ދާއިރާގައި ހިމެނެއެވެ.

ޓްވިޓްސާފު ހަރަކާތުގައި މިިސްޓާ މަހުލޫފް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަނީ / ފޮޓޯ: ޔޫތް މިނިސްޓްރީ

ތިމާވެށި ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމުގެ ދާއިރާއިން 2020 ވަނަ އަހަރު ނިންމުމަށް ކަނޑައަޅާފައިވާ ކަމެއްގެ ގޮތުގައި، އީޕީއޭ މިނިވަން ކުރުމަށް ކަނޑައަޅާފައިވާއިރު، 2022 ވަނަ އަހަރަށް ފަރު ރުޖޫއަކޮށް ހިމާޔަތް ކުރާނެ ފުރިހަމަ ނިޒާމެއް ޖަޒީރާ ފަރުގެ ނަމުގައި ތައާރަފް ކުރުމަށް ކަނޑައަޅާފައިވެއެވެ.

މި ދާއިރާއިން 2023 ވަނަ އަހަރަށް ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ކެމިކަލް މެނޭޖް ކުރުމަށް ފުރިހަމަ ގާނޫނީ އޮނިގަނޑެއް ތަސްދީގު ކުރެވިފައިވުމާއި، ރާއްޖެއަށް އެތެރެކުރެވޭ ކެމިކަލް ލޭބަލް ކުރުމާ ގުޅޭ ކޮލިޓީ ކޮންޓްރޯލް ނިޒާމެއް ހަމަޖެހި މުޅި ރާއްޖޭގައި ބޭނުން ކުރަން ފެށުން ހިމެނެއެވެ.

މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމުގެ ދާއިރާއިން 2025 ވަނަ އަހަރުގެ ނިޔަލަށް ނިންމަން ޖެހޭ ކަމެއްގެ ގޮތުގައި ކޮންމެ އަތޮޅަކުން މަދުވެގެން 10 ޕަސެންޓް ފަރުގެ ސަރަހައްދާއި 20 ޕަސެންޓް ޗަކަބިމާއި، ކުޅި، އެއް ފިނޮޅު އަދި އެއް ފަޅު ރަށް ހިމާޔަތް ކުރެވިފައިވުން ހިމެނެއެވެ.

ސާފު ހަކަތަ

ސާފު ހަކަތައިގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ތިން ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަމެއް ހިމެނެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިމާރާތެއްގައި ސޯލާ ޕެނަލް ހަރުކުރައްވަނީ

ސާފު ހަކަތައިގެ ދާއިރާއިން 2021 ވަނަ އަހަރަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަމަލީ ގޮތުން ހިންގަން ފެށުމަށް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވެއެވެ.

މި ދާއިރާއިން 2023 ވަނަ އަހަރަށް ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާވަރު 2018 ވަނަ އަހަރާ އަޅާބަލާއިރު، 20 ޕަސެންޓް އިތުރުކުރުމާއި، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ މިންވަރު 40 މިލިއަން ލީޓަރު މަދުކުރުމުގެ އިތުރުން، ހަކަތައިގެ ސިނާއަތިގައި ގަރީން ލޭބަލިން ތަންފީޒުކުރުން ހިމެނެއެވެ.

ކުނި

ކުނީގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ތިން ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަމެއް ހިމެނެއެވެ.

އިންޑަސްޓްރިއަލް ވިލޭޖް ސަރަހައްދަށް އަޅާފައިވާ ކުނި / ފޮޓޯ: ދަ ޕްރެސް

ކުނީގެ ދާއިރާއިން 2021 ވަނަ އަހަރަށް ނޮން-މެޑިކަލް އަދި ކެމިކަލް ކުނި ގެންގުޅެ، ރައްކާކޮށް، އަދި ގެންދިއުމަށް ގައިޑްލައިންތައް ތަންފީޒުކުރުމަށް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވެއެވެ.

މި ދާއިރާއިން 2023 ވަނަ އަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި އަންދާ މިންވަރު 50 ޕަސެންޓަށް ދަށް ކުރުމާއި، މަދުވެގެން 30 ޕަސެންޓް ރަށްރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތަކަކީ އިރުގެ ހަކަތައިން އޮޕަރޭޓް ކުރާ ތަންތަނަށްވުމުގެ އިތުރުން، މަދުވެގެން 65 ޕަސެންޓް ދަރިވަރުންނަށް ކުނި ރިޑިއުސް، ރިސައިކަލް، އަސި ރީޔޫސް ކުރުމުގެ މުހިންމުކަން އެނގިފައިވުން ހިމެނެއެވެ.

ފެނާއި ނަރުދަމާ

ފެނާއި ނަރުދަމާގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ދެ ކަމެކެވެ. އެ ދެ ކަމަކީ ވެސް 2013 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ދެ ކަމެވެ.

ފ.ނިލަންދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަނީ / ފައިލް ފޮޓޯ: ސޯޝަލް މީޑީއާ

މި ދާއިރާއިން 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަންތައްތަކުގެ ތެރޭގައި، ނަރުދަމާ އާއި ފެނާ ގުޅޭ ދާއިރާއިން 40 އިންޖިނިއަރުން ތަމްރީނު ވެފައިވުމާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ފެނައި، ނަރުދަމާގެ ނިޒާމު ގާއިމް ކުރެވިފައިވުން ހިމެނެއެވެ.

ވިލުނުވެރި މުޖުތަމައު

ވިލުނުވެރި މުޖުތަމައުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތް ކަމެކެވެ. އެ ހަތް ކަމަކީ ވެސް 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

ފިތުރު އީދު ދުވަސް ފިއިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސުމާއެކު އާންމުން މަގުތަކަށް ނުކުމެ ހިތް އުފާކޮށްލަނީ -- ފޮޓޯ / ދަޕްރެސް

މިދާއިރާއިން 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަންތައްތަކުގެ ތެރޭގައި މަދުވެގެން 50 މިލިއަން ޔޫއެސް ޑޮލަރުގެ ކްލައިމެޓް ފައިނޭންސް މޯބަލައިޒް ކުރެވިފައިވުމާއި، އާލީ ވޯނިން އެންޑް އިމަޖެންސީ ކޮމިއުނިކޭޝަން ސިސްޓަމެއް ގާއިމް ކުރުމާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ އިމްޖެންސީ ރެސްޕޮންސް ޓީމުތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތަމްރީނު ކުރެވި ހިދުމަތް ދޭން ފެށިފައިވުމުގެ އިތުރުން ހުރިހާ ރަށު އަދި އަތޮޅު ތަރައްގީކުރުމުގެ ޕްލޭންތައް ރިސްކް ބޭސްޑް ޕްލޭންތަކަކަށް ވެފައިވުން ހިމެނެއެވެ.

އަދި އާ ޕްރައިވެޓް އިންވެސްޓަރުން މެދުވެރިކޮށް މަދުވެގެން 10 މިލިއަން ޔޫއެސް ޑޮލަރު ލޯ އެމިޝަން އަދި އެޑަޕްޓޭޝަން ބޭނުން ކުރެވިފައި ވުމާއި، މަދުވެގެން ދެ ސަރަހައްދީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ގާއިމް ކުރެވިފައިވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބޭއްވޭ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ރާއްޖެއިން ތަމްސީލުކުރާ ވަފުދުތަކުގައި ޒުވާން އަންހެނުންނާއި ފިރިހެނުން ހިމެނުމަކީ ވެސް ވިލުނުވެރި މުޖުތަމައުގެ ދާއިރާއިން ހާސިލު ކުރުމަށް ނިންމާފައިވާ ކަންތައްތަކެވެ.

އައިސީޓީ

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަ ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ފަސް ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަމެއް ހިމެނެއެވެ.

އައިސީޓީ ރަމްޒުކޮށްދޭ ފޮޓޯއެއް / ފޮޓޯ: ޒެރަލްޑް

އައިސީޓީގެ ދާއިރާއިން 2021 ވަނަ އަހަރު ނިންމުމަށް ކަނޑައަޅާފައިވާ ކަމަކީ، ނެޝަނަލް ސްޓެކް ގައިމް ކުރުމެވެ.

މި ދާއިރާއިން 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަންތައްތަކުގެ ތެރޭގައި، ދިވެހި ސަރުކާރުން އޮންލައިންކޮށް ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް gov.mv މެދުވެރިކޮށް ލިބިގެން ދިއުމާއި، ހޮސްޕިޓަލިޓީ، މަސްވެރިކަން، މެރިން ސައިންސް އަދި ސިއްހީ ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކުން ވެސް ފަސް ސްޓާޓަޕަސް އެހީވުމުގެ އިތުރުން ސްޓެމް މާއްދާތައް ކިޔަވާ އަންހެން ދަރިވަރުންގެ އަދަދު 30 ޕަސެންޓް މައްޗަށް ގޮސްފައިވުން ހިމެނެއެވެ.

އަދި ޒުވާނުންނާއި ކުޑަކުދިންނަށް ސްޓާޓަޕްސް އަދި މޭކާ ސްޕޭސް އަށް އިންކިއުބޭޓާ ފަދަ ގޮތަށް ހަރަކާތްތެރިވާ ތިން ޓެކްނޮލޮޖީ ސެންޓަރު ގާއިމް ކުރުމާއި އާޓިފިޝަލް އިންޓެލިޖެންސް، މެޝިން ލާނިން، އަދި މިފަދަ އެހެނިހެން ޓެކްނޮލޮޖީއަށް ތަމްރީނުކޮށްދޭ ދެ މަރުކަޒެއް ގާއިމް ކުރުމަކީ ވެސް އައިސީޓީގެ ދާއިރާއިން ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކެވެ.

ފަންނުވެރިކަމާއި ސަގާފީ ތަރިކަ

ފަންނުވެރިކަމާއި ސަގާފީ ތަރިކަގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ތިން ކަމެކެވެ. އެ ތިން ކަމަކީ ވެސް 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

'އަ ވަލްނަރަބަލް ބިއުޓީ - މޯލްޑިވްސް އެގްޒެބިޝަން' ރައީސްގެ ދެކަނބަލުން ހުޅުއްވައިދެއްވުމަށްފަހު، ފެއާ ބައްލަވައިލައްވަނީ / ފޮޓޯ: ރައީސް އޮފީސް

މި ދާއިރާއިން 2023 ވަނަ އަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، މަދުވެގެން 500 ފަންނުވެރިން އަދި ސަގާފީ މަސައްކަތްތެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިިވާ ސަގާފީ ސެންޓަރުތަކުގެ ބޭނުން ހިފާފައިވުމާއި، މަދުވެގެން ދެ މިލިއަން ރުފިޔާ ގްރާންޓުގެ ގޮތުގައި ދިވެހި ފަންނުވެރިނަނާއި ސަގާފީ މަސައްކަތްތެރިންނަށް ލިބިފައިވުމުގެ އިތުރުން އަމިއްލަވަންތަ އާ 300 ދިވެހި ލިއުން ކުޑަކުދިންނަށް އަމާޒުކޮށްގެން ޝާއިއުކުރެވިފައިވުން ހިމެނެއެވެ.