ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ފަހުރުވެރި އާއިލާގެ ދަށުން އަންނަ އަހަރަށް ނިންމަން ޖެހޭ 3 ކަމެއް ކަނޑައަޅާފައި ވެއެވެ.

ހަ ދާއިރާއަކަށް ބެހިގެން އަންނަ ފަހުރުވެރި އާއިލާއަކީ، މި ޕްލޭން ބިނާވެގެންވާ މައިގަނޑު ފަސް ކަމުގެ ތެރެއިން އެއް ކަމެވެ. ފަހުރުވެރި އާއިލާގެ ދަށުން ހާސިލު ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ 26 ކަމެކެވެ. ރޭ އިފްތިތާހު ކުރި މި އެކްޝަން ޕްލޭނަކީ ސަރުކާރުގެ ފަސް އަހަރުގެ ދައުރަށް މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއި، އެކަންތައް ކުރާނެ ތާރީހާއި، އިތުރު ތަފްސީލުތަކާ އެކު އެކުލަވާލާފައިވާ ޕްލޭނެކެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ފަހުރުވެރި އާއިލާގައި ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަކީ:

އާއިލާ

އާއިލާގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަ ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ފަސް ކަމަކާއި 2022 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއް ހިމެނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ފ) އާއިލާއަކާއެކު މުލިއާގޭ ކުރިމަތީގައި ފޮޓޯއެއް ނަންގަވަނީ / ފައިލް ފޮޓޯ

އާއިލާގެ ދާއިރާއިން 2022 ވަނަ އަހަރު ނިންމުމަށް ކަނޑައަޅާފައިވާ ކަމަކީ ޑިސެބިލިޓީ މެނޭޖްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ ހިދުމަތް ދޭން ފެށުމެވެ.

މި ދާއިރާއިން، 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ހުރިހާ އަތޮޅެއްގައި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ހުންނަ ކުދިންނަށް ހާއްސަ ސްކޫލް ބޭސްޑް ތެރަޕިސްޓުންގެ ހިދުމަތް ލިބެން ފެށުމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހިލޭ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ލިބޭނެ ސްކީމެއް ތައާރަފްކުރެވިފައި ވުމުގެ އިތުރުން އުފަންވާ ކޮންމެ ކުއްޖެއްގެ އާއިލާއަށް ތަންމަތި ފޮށްޓެއް ދޭން ފެށުން ހިމެނެއެވެ.

އަދި ހުރިހާ އާންމު ދަތުރުފަތުރުގެ ހިދުމަތްތަކަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ހިދުމަތްތަކަކަށް ހެދިފައިވުމާއި، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން މަދުވެގެން އެއް ރެޒިޑެންޝަލް ހޯމް، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕުގެ ދަށުން ގާއިމުކޮށް ހިދުމަތް ދޭން ފެށިފައި ވުން ވެސް އާއިލީ ދާއިރާއިން ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ބޯހިޔާވަހިކަން

ބޯހިޔާވަހިކަމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ދެ ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއްގެ އިތުރުން، 2020 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަމެއް ހިމެނެއެވެ.

ފުވައްމުލަކުގައި ގާއިމް ކޮށްފައިވާ ފްލެޓްތައް / ފޮޓޯ: ޝަހުމް

ބޯހިޔާވަހިކަމުގެ ދާއިރާއިން 2020 ވަނަ އަހަރު ނިންމާ ކަމެއްގެ ގޮތުގައި ސުނާމީގައި ހާލުގައި ޖެހިފައިވާ ހުރިހާ އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، ސަރުކާރުން އެހެން ރަށަކަށް ބަދަލުކޮށްފައިވާ ހުރިހާ އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ 2021 ވަނަ އަހަރަށެވެ.

މި ދާއިރާއިން 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، 20000 އާއިލާއަށް އާ ހައުސިން ޔުނިޓުތަކެއް ހދައިދީ އެ ޔުނިޓުތައް ބޭނުން ކުރަން ފެށުމާއި ނޭޝަނަލް އެފޯޑަބަލް ހައުސިން ލޯން ސްކީމްގެ ދަށުން މަދުވެގެން 1 ބިލިއަން ރުފިޔާގެ ލޯނު ދެވިފައިވުން ހިމެނެއެވެ.

ޒުވާނުން

ޒުވާނުންގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަ ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ހަތަރު ކަމަކާއި 2020 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ދެ ކަމެއް ހިމެނެއެވެ.

ކުޅުދުއްފުށީ ޒުވާނުން ތަކެއް

ޒުވާނުންގެ ދާއިރާއިން 2020 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ ކަންތައްތަކަކީ، ވަލްނަރަބަލް ޔޫތް އަދި އެޓް ރިސްކް ޔޫތްގެ މާނައެއް ނެޝަނަލް ޔޫތު ކައުންސިލުން ކަނޑައަޅައި، ސަރުކާރުގެ ހުރިހާ މަސައްކަތެއްގައި ވެސް މި ކަންކަމަށް އިސްކަންދޭން ފެށިފައިވުން އަދި ނެޝަނަލް ޔޫތް ކައުންސިލަކީ ފުރިހަމައަށް މަސައްކަތް ކުރަމުންދާ އަސި އަތޮޅުތަކުން އަދި އަންހެނުންގެ ބައިވެރިވުން ހަމަހަމަކަމާއި އެކު އޮންނަ ތަނަކަށް ހެދުން ހިމެނެއެވެ.

މި ދާއިރާއިން 2023 ވަނަ އަހަރަށް ނިންމަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ވަލްނަރަބަލް ޔޫތް އަދި އެޓް ރިސްކް ޔޫތް އަށް ވަކި ކޯޓާއެއް ކަނޑައެޅުމާއި، އަމިއްލަ އިހްތިޔާރުގައ ވަޒީފާއަށް ނުގޮސް ތިބޭ ޒުވާނުންގެ އަސަދު 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓް މަދުކުރުމުގެ އިތުރުން ޒުވާނު އަންހެނުން މަދުވެގެން 50 ވިޔަފާރިއަށް ފަންނީ އެހީތެރިކަން ދިނުމާއި ޑިޖިޓަލް މާކެޓިން ޕްލެޓްފޯމްތަކާ ގުޅުވައިދެވިފައިވުން ހިމެނެއެވެ. އަދި 2019 އިން 2023ގެ ނިޔަލަށޤ ވަލްނަރަބަލް ޔޫތް ކަމުގައި ހިމެނޭ 500 ކުއްޖަކަށް މަތީ ތައުލީމުގެ ސްކޮލާޝިޕް ނުވަތަ ލޯނު ލިބިފައިވުމަކީ ވެސް މި ދާއިރާއިން ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.

މުޖުތަމައު ބާރުވެރި ކުރުވުން

މުޖުތަމައު ބާރުވެރި ކުރުވުމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ދެ ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ކަމަކާއި 2022 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއް ހިމެނެއެވެ.

އާންމުން އެއްވެފައިވާ ތަނެއް / ފައިލްފޮޓޯ

މި ދާއިރާއިން 2022 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަމަކީ ހުރިހާ ރަށެއްގައި ކޮމިއުނިޓީ އެމްޕަވާމަންޓް އޮފިސަރުން ބޭތިއްބުމާއި އޭގެ ތެރެއިން މަދުވެގެން 30 ޕަސެންޓަކީ އަންހެނުން ކަމަށް ހަމަޖެއްސުމެވެ.

މުޖުތަމައު ބާރުވެރި ކުރުވުމުގެ ދާއިރާއިން 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަމަކީ، ހުރިހާ އިޖުތިމާއީ މަރުކަޒުތަކަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ފަސޭއިން ބޭނުންކުރެވޭ ތަންތަނަށް ހެދުމެވެ.

ކުޅިވަރު

ކުޅިވަރުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އެ ހަތަރު ކަމަކީ ވެސް 2023 ވަނަ އަހަރަށް ނިންމުމަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

ފުވައްމުލަކުގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

މި ދާއިރާއިން 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ކުޅިވަރު ކުޅޭ 80 ޕަސެންޓް ތަންތަނަކީ އަންހެނުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ހަދައިފަިއވާ ތަންތަނަށްވުމާއި، ދެން އޮންނަ އިންޑިއަން އޯޝަން ގޭމްސްގައި ދިވެހި އެތްލީޓުން މަދުވެގެން 70 މެޑަލް ހޯދުމުގެ އިތުރުން، ހުރިހައި ކުޅިވަރު އެސީސިއޭޝަންތަކުގެ ހިންގާ ކޮމިޓީއާ ބޯޑުތަކުގައި މަދުވެގެން 33 ޕަސެންޓް މީހުންނަނީ އަންހެނުން ކަމަށް ހެދުން ހިމެނެއެވެ. އަދި ރިހެބިލިޓޭޓް ވަމުންދާ ކުށްވެރިންނާއި، ކުށް ކުރާ ކުޑަކުދިންނާއި މަސްތުވާތަކެތި ބޭނުންކުރުމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ މީހުންގެ ތެރެއިން މަދުވެގެން 10 ޕަސެންޓަށް ކުޅިވަރުގެ ހުނަރެއް ދަސްކޮށްދިނުން ނުވަތަ ކުޅިވަރުގެ ތަމްރީނެއް ދީފައިވުމަކީ ވެސް ކުޅިވަރުގެ ދާއިރާއިން ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.

އިސްލާމީ އަގީދާ

އިސްލާމީ އަގީދާގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އެ ހަތަރު ކަމަކީ ވެސް 2023 ވަނަ އަހަރަށް ނިންމުމަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

ޖަލާލުއްދީން މިސްކިތް/ ފައިލް ފޮޓޯ: ދަޕްރެސް

މި ދާއިރާއިން 2023 ވަނަ އަހަރުގެ ނިޔަލަށް ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، މަދުވެގެން އެއް ހައުސް އޮފް ވިޒްޑަމް ނުވަތަ ބައިތުލް ހިކްމާ، ޕަބްލިކް އެކެޑަމީ އެންޑް އިންޓެލެކްޗުއަލް ސެންޓާ ގާއިމުކޮށް ހޮދުމަތް ދޭން ފެށިފައިވުމާއި، ޑިގްރީ ފެންވަރުގެ އިމާމުން ތިބި އަދަދު 2018 ވަނަ އަހަރާ އަޅާ ބަލާއިރު 40 ޕަސެންޓް އިތުރުކުރުން ހިމެނެއެވެ. އަދި ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ސްކޫލުތަކުގައި މަސައްކަތްކުރުމަށް ތަމްރީނުކޮށްފައިވާ ޓީޗަރުން ހުރިހާ ސްކޫލެއްގައި ތިބުމާއި މަދުވެގެން 80 ޕަސެންޓް މިސްކިތްތަކުގައި އޭސީ އަށް ބޭނުންކުރަނީ ރިނިވަބަލް އެނާޖީ ކަމަށް ހެދުމަކީ ވެސް އިސްލާމީ އަގީދާގެ ދާއިރާއިން ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.